English Edition
Dhivehi Edition

ޣާޒީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ, ކޮރަޕްޝަންގެ މައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅު އަޅާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި، އައިޝަތު ޝިޔާޒާ ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކަމާމެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ އެ ސްކޫލުގެ ޓީޗަރުން ވަނީ އިއްޔެ އިޙްތިޖާޖުކޮށްފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރު ޝިޔާޒާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީން އިންޓާނަލް އޮޑިޓެއް ހަދައިފައިވާ ކަމަށާއި ފައިސާ ޚަރަދުކުރުމުގައި މާލިއްޔަތު ގަވައިދާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަވުމުން، އެކަން ބަލަން ވެސް އިދާރީ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ.

މިހާރު އެ ކަމުގައި ޝާމިލުވާ ހުރިހާ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ މި މައްސަލައިގައި ޖިނާއީ ކުށްތަކެއް ހިމެނޭތީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާކަމަށެވެ.

އިތުރަށް އެ މިނިސްޓްރީން މިހާރު އެ މައްސަލައިގައި ހިމެނޭ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާކަމަށާއި އެ މީހުންނާ މެދު ފިޔަަވަޅު އަޅާނީ ސިވިލް ސާވިސް ކޮމިޝަންގެ ގަވައިދާ އެއް ގޮތަށްކަމަށެވެ.