English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. މެޗުގެ 20 ވަރަކަށް މިނެޓު މެޗު ކޮންޓްރޯލް ކޮށްގެން ކްރޮއޭޝިއާއިން ކުޅުނު ނަމަވެސް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް އެޓީމަށް ފޮނުވާނުލެވުނެވެ.

ކްރޮއޭޝިއާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް އުފެއްދި ކައުންޓައެޓޭކެއްގައި އާޖެންޓީނާއިން ނުރައްކާ ކުރިއިރު، ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ހެދި ގޯހަކުން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޖެންޓީނާއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ ލިއޮނެލް މެސީއެވެ. މިއީ މެސީ މި މުބާރާތުގައި ޕެނަލްޓީން ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ. އަދި މުބާރާތުގެ ފަސްވަނަ ލަނޑެވެ.

މި ލަނޑަށް ފަހު އާޖެންޓީނާއިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 39 ވަނަ މިނެޓުގައި އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ވެސް އާޖެންޓީނާއިން އުފެއްދި ކައުންތައެޓޭކެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. މި މެޗުގައި އާޖެންޓީނާގެ ފަހު ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އަލްވަރޭޒްއެވެ.

މި މެޗުގައި ކްރޮއޭޝިއާއަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އެޓީމަށް ވަނީ މުޅި މެޗުގައި ވެސް އާޖެންތީނާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ.

އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އެޓީމުން ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް ޔަގީންވާނީ މިރޭ މޮރޮކޯ އަދި ފްރާންސް ބައްދަލުކުރާ މެޗަށް ފަހުގައެވެ. މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.