English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ކޮށް ކްރޮއޭޝިއާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

އެޓިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން އެއްވަރުވެފައި އޮތޮމުން ނަތީޖާ ނެރުމަށް 15 މިނެތުގެ އިތުރު ދެ ފާހު ކުޅުނެވެ. އިތުރު ވަގުތުގެ 2 ހާފުގެ ތެރޭގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރެޒިލް އެވެ. ނަމަވެސް ކްރޮއޭޝިއާއިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރުވަގުތުގެ ދެ ހާފުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތިޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ އިން ކްރޮއޭޝިއާއިން ބްރެޒިލްގެ މައްޗަށް ކާމިޔާބު ހޯދީ 4-2 ގެ ނަތީޖާއިންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. އެގޮތުން އެޓީމުން ވަނީ ކޮންމެވެސް ވަރަކަށް ލަނޑު ޖަހާނެ ފުރުސަތުވެސް ތަނަވަސް ކޮށްފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ނުހިފުނެވެ. މި ހާފުގައި އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގައި ބްރެޒިލް ވަރުގަދަކޮށް ފެނުނުއިރު، އެޓީމުން ވަނީ ކްރޮއޭޝިއާގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ނޭމާ އާއި ޕަކުއޭޓާ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތައް ކާމިޔާބެއް ނުކުރެވުނެވެ.

ބްރެޒިލްއިން މެޗުގެ ލީޑު ނެގީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ވެސް އިތުރު ވަގުތު ތެރޭގައެވެ. ލޫކަސް ޕަކުއޭޓާގެ އެހީތެރި ކަމާއި އެކު ބްރެޒިލް އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ނޭމާއެވެ. ކްރޮއެޝިއާއިން ނަތިޖާ ހަމަހަމަ ކުރީ މެޗު ނިމެން އެންމެ 3 މިނިޓަށް ވެފައިވަނިކޮށް، ޕެޓްކޯވިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއި އެކު ޕެނަލްޓީ ޖަހަން ޖެހުނުއިރު، ފުރަތަމަ ޕެނަލްޓީ ޖެހީ ކްރޮއޭޝިއާއިންނެވެ. ކްރޮއޭޝިއާއިން ފުރަތަމަ ޕެނަލްޓީ ޖެހިއިރު، ވްލަސިޗް އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ވީ ނާކާމިޔާބެވެ. ރޮޑްރީގޯ ފޮނުވާލީ ޕެނަލްޓީ ކްރޮއޭޝިއާގެ ގޯލްކީޕަރ މަތަކުރީއެވެ. އޭގެ ފަހުން ކްރޮއޭޝިއާއިން މޭހާ، މޮޑްރިޗް އަދި އޯސިޗް ޖެހި ޕެނަލްޓީ ކާމިޔާބުވިއިރު، ބްރެޒިލްގެ ކަސެމީރޯ އާއި ޕެޑްރީ ޖެހި ޕެނަލްޓީ ވެސް ކާމިޔާބު ވިއެވެ. ބްރެޒިލްގެ ފަހު ޕެނަލްޓީ މާކުއެނޯސް ޖެހިއިރު، ބްރެޒިލް މުބާރާތާއި ވަކިވާން ޖެހުނީ މި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.