English Edition
Dhivehi Edition
ޕްރިޔަންކާ ޗޯޕްރާ

ބީބީސީން ހޮވާ އެންމެ ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ހިމެނިއްޖެއެވެ.

ޕްރިޔަންކާގެ އިތުރުން އިންޑިއާގެ އިތުރު ތިން އަންހެނަކު އެ ލިސްޓުގައި ހިމެނިފައިވެއެވެ.

ލަވަކިޔުންތެރިޔާ ބިލީ އައިލިޝް އާއި އެކްޓަރު އަދި ނުކުޅެދުންތެރިކަން ހުންނަ އެކްޓިވިސްޓް ސެލްމާ ބްލޭއާ އަދި ހޮލީވުޑްގެ އައިކަން ރީޓާ މޮރެނޯ ފަދަ ނަންތައް ހިމެނޭ ލިސްޓުގައި ހިމެނޭ ހަމައެކަނި އިންޑިއާ އެކްޓަރަކީ ޕްރިޔަންކާ އެވެ. މި ލިސްޓުގައި ހިމެނޭ އަނެއް ތިން އިންޑިއާ މީހުންނަކީ އެރޮނޮޓިކަލް އިންޖިނިއަރު ސިރީޝާ ބަންދްލާ އާއި ބޫކަރު އެވޯޑް ލިބިފައިވާ ލިޔުންތެރިޔާ ގީތަންޖަލީ ޝްރީ އަދި ސޯޝަލް ވޯކަރު ސްނޭހާ ޖަވާލޭ އެވެ.

އެ ލިސްޓުގައި ޕްރިޔަންކާ ސިފަކޮށްފައިވަނީ ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމީ ތަރީގެ ގޮތުގައެވެ. ‘2002 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވުމަށް ފަހު، ހޮލީވުޑްގައި ކުރީގެ މިސް ވޯލްޑްގެ ކުރިއެރުން ލިބުނީ 2015 ވަނަ އަހަރު އެމެރިކާގެ ނެޓްވޯކް ޑްރާމާ ސީރީޒް ‘ކުއަންޓިކޯ’ ލީޑްކުރި ފުރަތަމަ ދެކުނު އޭޝިއާގެ ބަތަލާގެ ގޮތުގައި ތާރީހު ހޯދައިދިނުމުންނެވެ. އޭނާ ވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައި، އިންޑިއާގައި ފިލްމު އުފައްދަން ވެސް ފަށާފައެވެ.

ޕްރިޔަންކާ އަކީ ވެސް ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއް، ކުޑަކުދިންގެ ހައްގުތަކާއި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ކެމްޕޭން ކުރާކަން ވެސް ބީބީސީން ފާހަގަކުރި އެވެ. “މީޓޫ ހަރަކާތާއި އޭގެ ފަހުން ޖަމާޢަތުގައި އަންހެނުން އެއްތަނަކަށް އެއްވެ، އެކަކު އަނެކަކު ހިމާޔަތްކޮށް، އެކަކު އަނެކެއްގެ ކައިރީގައި ތިބުމުގެ އަޑުތައް – އެކުގައި ވަރަށް ބާރުގަދަ ކަމެއް އެބައޮތް،” ޕްރިޔަންކާ އާއި ހަވާލާދީ ބުނެފައިވެ އެވެ.

ޕްރިޔަންކާ މި ޝަރަފު ލިބިގަތީ އުރުސުލާ ފޮން ޑަރ ލޭއެން – ޔޫރަޕިއަން ކޮމިޝަންގެ ފުރަތަމަ އަންހެން ރައީސް މިއާ މޮޓްލީ – ބާބަޑޯސްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދި ޔޫކްރޭންގެ ފަސްޓް ލޭޑީ އޮލެނާ ޒެލެންސްކާއާ ވެސް އެކުގައެވެ.

ޖިއްދާގައި ބޭއްވި ރެޑް ސީ ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ފަހު ޕްރިޔަންކާ ވަނީ ދާދި ފަހުން ދުބާއީއަށް ގޮސްފަ އެވެ. ހަފްތާ ބަންދުގައި ޔޮޓެއްގައި ޗުއްޓީ ހޭދަކުރި ވަގުތުތަކާއި އޭގެ ފަހުން ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބީވީލްގާރީ އިވެންޓެއްގައި އޭނާ ފެނިގެން ދިޔަ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރި އެވެ. އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނިކޮށްގެން ޕްރިޔަންކާ ވަޒަންވެރިވެފައިވަނީ އެމެރިކާގެ ލޮސް އެންގްލްސްގަ އެވެ. މި ދެމަފިރިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ސެރޮގޭޓު ކޮށްގެން ދަރިއަކު ހޯދާފައެވެ. ދަރިފުޅުގެ ނަމަކީ މޯލްޓީ މާރީ ޗޯޕްރާ ޖޯނަސް އެވެ.