English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ގިނަ ލަނޑުތަކެއް ޖަހައި ބޮޑު މޮޅެއް ހޯދައިގެން ދެކުނު ކޮރެއާ ބަލިކޮށް މުބާރާތުގެ ކުއަޓާ ފައިނަލުން ބްރެޒިލުން ޖާގަ ހޯދައިފި އެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި ރޭ ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރީ ދެކުނު ކޮރެއާގެ މައްޗަށް 1-4 އިން ކުރި ހޯދައިގެންނެވެ.

މެޗު ފެށިގެން ހަތް މިނެޓުގައި ބްރެޒިލް އިން ވަނި ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ބްރެޒިލަށް ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެެވެ. މިއީ ރަފީނިއާ ނެގި ހުރަހަކުން ވިނީޝިއުސް ޖެހި ލަނޑެކެވެ.

ބްރެޒިލުން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑުފުޅާކުރީ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނޭމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ރިޗާލިސަން އަށް ކޮރެއާ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ރިޗާލިސަން ކާމިޔާބު ކޮށްދިންއިރު، ބްރެޒިލްގެ ހަތަރުވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލޫކަސް ޕަކޭޓާ އެވެ.

ދެވަނަ ހާފަށް ކުޅެން ނުކުމެ ކޮރެއާއިން ރަނގަޅަށް ކުޅުނުއިރު، އެޓީމުން ވަނި ހަމަލާތަކެއްވެސް އުފައްދާފައެވެ. އެގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެކުނު ކޮރެއާއިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއިރު، ސޮން ހެއުން މިން ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ބްރެޒިލްގެ އޭރިއާގެތެރެއިން ހުވާން ހީޗާން ފޮނުވާލި ބާރު ހަމަލާއެއް ވެސް ކީޕަރު އެލިސަން ވަނީ ދިފާއު ކޮށްފައެވެ. ކޮރެއާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ މެޗުގެ 76 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޕައި ސިން ހޯއެވެ.

ކޮރެއާ ބަލިކޮށް ބްރެޒިލް ކުއާޓާއަށް ދިޔައިރު، އެޓީމުން ކުއާޓާގައި ވާދަކުރަން ޖެހޭނީ ރޭ ޕެނަލްތީގައި ޖަޕާން ބަލިކޮށް ކުއަޓާއިން ޖާގަ ހޯދި ކްރޮއޭޝިއާއާއެވެ.