English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރި މެޗުގައި އެމެރިކާ ކަޓުވާލުމަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއިން ހޯދައިފިއެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ އެމެރިކާއާއި ބައްދަލުކުރި މެޗު ނެދަލެންޑްސްއިން ކާމިޔާބު ކުރި 1-3 ގެ ނަތީޖާއިންނެވެ.

މެޗުގައި ރަނގަޅަށް ކުޅުނީ ނެދެލްނެޑްސްއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އެމެރިކާއިންނެވެ. އެގޮތުން މެޗު ފެށިގެން 3 ވަނަ މިނެޓުގައި އެމެރިކާ ޓީމުގެ ތަރި ކްރިސްޓިއަން ޕުލިސިޗް އަށް ގޯލު ކުރިމަތިން ހުސްކޮށްލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނެވެ. ޕުލިސިޗް ފޮނުވާލި ބޯޅަ ނެދެލްންޑްސްގެ ގޯލްކީޕަރު ވަނި ދިފާއުކޮށްފައެވެ.

އެމެރިކާގެ މި ހަމަލާއަށް ފަހު ވެސް ރަނގަޅަށް ކުޅުނީ ނެދަލެންޑްސްއިންނެވެ. އެގޮތުން ނެދަލެމްޑްސްއިން ވަނީ މެޗުގެ ނުވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ނެދަލެންޑްސްއަށް ކާމިޔާބު ކޮށްދިނީ މެމްފިސް ޑިޕާއީއެވެ. ނެދަލެންޑްސްގެ މި ލަނޑަށް ފަހު އެމެރިކާއިން ވެސް ވަނީ ފުލުފުލު ދެ ހަމަލާއެއް ނެދަލެންޑްސްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތައް ކާމިޔާބެއް ނުކުރެވުނެވެ. ނެދަލެންޑްސްއިން އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެންދަނިކޮށް އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނި ޑަލޭ ބްލައިންޑްއެވެ.

ނެދަލެންޑްސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ، އެމެރިކާއިން ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން މެކެނީ، ޓިމް ވެއާ، ޑެސްޓްގެ ބަދަލު ކުޅެން އެރީ ބްރެޑަން އާރިންސަން ހާޖި އާއި ރައިޓް އަދި ޔެޑްލީއެވެ. މި ބަދަލުތަކާއި އެކު އެމެރިކާ އިން ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ކުޅުނުއިރު، އެޓީމުން ވަނީ ހަމަލާތަކެއްވެސް އުފައްދާފައެވެ. ނަތިޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓުގައި އެމެރިކާއިން ލަނޑު ޖަހާ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހާޖި ރައިޓްއެވެ.

އެމެރިކާގެ ލަނޑަށް ފަހު މާ ގިނަ އިރުތަކެއް ނުވެ، ނެދަލެންޑްސްއިން އެޓީމުގެ ތިން ވަނަ ލަނޑުޖަހާ ދެވަނަ ފަހަރަށް ލީޑު ފުޅާކުރިއެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ ޑިފެންޑަރު ޑެންޒެލް ޑަމްފްރައީސްއެވެ.

މި މޮޅާއި އެކު ނެދަލްންޑްސްއިން ކުއާޓާއަށް ދިޔައިރު، އެޓީމުން ބައްދަލުކުރާނެ ޓީމެއް ޔަގީން ވާނީ މިރޭ ދަންވަރު 12 ޖަހާއިރު، އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗަށް ފަހުގައެވެ. ނެދަލެންޑްސް ނުކުންނާނީ މި މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.