English Edition
Dhivehi Edition

މިއަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި ނެދަލެންޑްސް އާއި ގުރޫޕް ބީއިން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދި އެމެރިކާއެވެ.

މި ދެޓީމުން ދެވަނަ ބުރުގެ ފުރުސަތު ހޯދި ގޮތަށް ބަލާއިރު، މިފަހަރުގެ މުބަރާތުގައި ނެދަލެންޑްސް ހިމެނުނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި ސެނެގާލް އަދި އިކުއެޑޯއާއި އެކު ގުރުޕް އޭގައެވެ.

ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕު ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން އެ ގުރޫޕުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އެމެރިކާއަށް ބަލާއިރު، އެޓީމު ހިމެނުނީ އިންގްލެންޑާއި، އީރާން އަދި ވޭލްސްއާއި އެކު ގުރޫޕް ބީގައެވެ. އެމެރިކާއިން ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން އެއް މެޗުން މޮޅުވިއިރު، އަނެއް ދެމެޗުން ވީ އެއްވަރެވެ. އެހެން ކަމުން އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ ފަސް ޕޮއިންޓާއި އެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ނެދަލެންޑް އަދި އެމެރިކާ މިރޭގެ މެޗަށް ނުކުންނައިރު، ދެ ޓީމުގައިވެސް އަނިޔާގެ މައްސަލަތައް ކޮންމެ ވެސް ވަރަކަށް އުޅޭކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ނެދަލެންޑްސްގެ ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް ގެ ކުޑަ ހުޅަށްވަނީ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވެފައެވެ. ނަމަވެސް އޭނާ މިހާރު ވަނީ ތަމްރީނުތަކުގައި ބައިވެރިވެފައެވެ. ނަމަވެސް ފުރަތަމަ 11 ގައި ފެނިގެންދާނީ ޑެންޒެލް ޑަމްފްރީސް ކަމަށް ބެލެވެއެވެ. މިއާއެކު ނެދަލެންޑްސްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މިރޭގެ މެޗަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެގެންނެވެ.

އެމެރިކާއަށް ބަލާއިރު، ކްރިސްޓިއަން ޕުލިސިޗް އެންމެ ފަހު މެޗުގައި އިރާނާއި ދެކޮޅަށް ޖެހި ލަނޑު ކާމިޔާބު ކުރަން އުޅުމުގެ ތެރޭގައި އަނިޔާވި ނަމަވެސް އޭނާ ދަނީ ރިކަވަރ ވަމުންނެވެ. އަދި މިރޭގެ މެޗުގައި ޕުލިސިޗް ކުޅޭނެ ކަމަށް ބެލެވިފައިވީ ނަމަވެސް އެމެރިކާގެ ޓީމުގެ ޖޯޝް ސާޖެންޓަށް ވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ވެސްޓަން މެކޭނީ ވެސް ދަނީ ފަލަމަސްގަނޑުގެ އަނިޔާއެއް ތަހަންމަލް ކުރަމުންނެވެ.

ނަމަވެސް މި ތިން ކުޅުންތެރިން ވެސް މިރޭގެ ގަދަ 16 ގެ މެޗު ފެށެންވާ އިރަށް ފިޓްވާނެ ކަމަށް ވަނީ ބުނެފައެވެ. ގަބޫލް ކުރެވޭ ގޮތުން އެމެރިކާގެ ކޯޗު ގްރެގް ބާހޯލްޓާ މިފަހަރުވެސް ނެރޭނީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް ނެރުނު ފުރަތަމަ 11 ކަމަށް ބެލެވެއެވެ.

މިރޭގެ މެޗަކީ ވޯލްޑް ކަޕް ތާރީޚުގައި ނެދަލެންޑްސް އައި އެމެރިކާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެޓީމުން ވޯލްޑް ކަޕެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. އަދި ވާދަވެރި އެއްވެސް މެޗެއްގައި މި ދެޓީމުން ވާދަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ދެޓީމުން ވަނީ އެކުވެރި ކަމުގެ ފަސް މެޗެއް މީގެ ކުރިން ކުޅެފައެވެ. އޭގެ ތެރެއިން ނެދަލެންޑްސް ގެ މައްޗަށް އެމެރިކާއަށް ކުރި ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ. އަނެއް ހަތަރު ފަހަރު މޮޅުވެފައިވަނީ ނެދެލެންޑްސް އިންނެވެ.

ނެދަލެންޑްސްގެ ލަފާކުރެވޭ ފުރަތަމަ 11: ނޮޕާޓް، ޓިމްބާ، ވަން ޑައިކް، އަކޭ، ޑަމފްރީސް، ޑެ ރޫން، ޑެ ޔޮންގް، ބްލައިންޑް، ކްލާސަން، ގަކްޕޯ، ޑިޕާއީ

އެމެރިކާގެ ލަފާކުރެވޭ ފުރަތަމަ 11: ޓާނާ، ޑެސްޓް، ކާޓާ-ވިކަރސް، ރިއަމް، ރޮބިންސަން، މެކޭނީ، އެޑަމްސް، މުސާ، ވެއާ، ސާޖެންޓް، ޕުލިސިޗް

ނެދަލެންޑްސް އާއި އެމެރިކާ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:00 ގައެވެ.