English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސީ އިން އާޖެންޓީނާ އާއި ޕޮލެންޑު ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގުރޫޕް ސީގެ ފަހު މެޗުތަކުގެ ކުޅުން ރޭ ނިމިފައިވާއިރު، އާޖެންޓީނާ ދެވަނަ ބުރަށް ދިޔައީ ޕޮލަންޑާއި ވާދަކުރި މެޗު 0-2 އިން ކާމިޔާބު ކޮށް 6 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އަދި އާޖެންޓީނާ އަތުން ބަލިވި ޕޮލެންޑް ދެވަނަ ބުރަށް ދަތުރު ކުރީ 4 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ.

ރޭގެ ފަހު މެޗުގައި މެކްސިކޯ ސައުދީ އަރަބިއާ އަތުން 1-2 އިން މޮޅުވި ނަމަވެސް އެޓީމު ވަނީ ދެވަނަ ބުރަށް ނުގޮސް މުބާރާތުން ކަޓާފައެވެ. މެކްސިކޯ އަދި ޕޮލަންޑަށް އެއްވަރަކަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުން ކުރި ލިބެނީ ޕޮލަންޑަށެވެ. އެންމެ ފުލުގައި އޮތް ސައުދީ އަރަބިއާ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ.

އާޖެންޓީނާ އާއި ޕޮލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ވެސް ލިބުނުއިރު، ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ބޯޅަ މަތަކުރީ ޕޮލެންޑުގެ ކީޕަރެވެ. ދެވަނަ ހާފުގައި 46 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ އަލެކްސިސް މެކް ލިސްޓަރއެވެ. ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

މި ގްރޫޕްގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރި މެޗުގައި ވެސް ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 47 ވަނަ މިނެޓުގައި މެކްސިކޯއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ ންރީ މާޓިންއެވެ. އޭގެ ފަހުން 52 ވަނަ މިނެޓުގައި ލުއިސް ޝާވޭޒް ވަނީ އިތުރު ލަނޑެއްޖަހާ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. ސައުދީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާލިމް އަލްދައުސާރީއެވެ.

އާޖެންޓީނާ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް ޑީގެ ދެވަނަ ހޯދި އޮސްޓްރޭލިއާ އާއެވެ. އަދި ޕޮލަންޑް ބައްދަލުކުރަން ޖެހޭނީ ގުރޫޕް ޑީގެ އެއްވަނަ ހޯދި ފްރާންސްއާއެވެ.