English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ މެޗުތައް މިރޭ ކުޅެ ނިމިފައިވާއިރު، އެ ގުރޫޕުން މުބާރާތުގެ ނޮކްއައުޓް ބުރުން ފުރުޞަތު ހޯދި ދެ ޓީމަށް ނެދަލެންޑްސް އާއި ސެނެގާލް ވެއްޖެއެވެ.

ގުރޫޕުގެ ފަހު މެޗުގައި މިރޭ ނެދަލެންޑްސް ކުޅުނު މެޗުން ގަތަރުގެ މައްޗަށް އެޓީމުން ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުން ހޯދި މޮޅާއި އެކު ނެދަލެންޑްސް އަށް ވަނީ އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން 7 ޕޮއިންޓް ލިބިފައެވެ. އެހެން ކަމުން ނެދްލެންޑްސް ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނޮކްއައުޓް ބުރުގައި ނެދަލެންޑްސް ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން 2 ވަނަ ލިބޭ ޓީމަކާއެވެ.

ނެދަލެންޑްސް އިން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު މި މެޗުގައި އެޓީމުން ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 26 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑުންނެވެ. އަދި އެތީމުގެ ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޖަހައިދިނީ ފްރެންކީ ޑިޔޯން އެވެ.

ސެނެގާލް އިން ގުރޫޕް ސްޓޭޖުގެ ފަހު މެޗު ނިންމާލީ 2-1 ގެ ނަތީޖާއިން އެކުއެޑޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެނެގާލް އަށް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކު ގުރުޕުގެ ދެވަނަ ލިބުނުއިރު، އެޓީމު ނޮކްއައުޓް ބުރުގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދާ ޓީމަކާއެވެ.

އިކުއެޑޯ އާއި ދެކޮޅަށް މިރޭ ކުޅުނު މެޗުގައި ސެނެގާލް އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ އިސްމާއީލާ ސާރ އެވެ.

ދެ ވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނިޓުގައި ކައިސެޑޯ ޖެހި ލަނޑު އެކުއެޑޯ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސެނެގާލުން ވަނީ ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ.