English Edition
Dhivehi Edition

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފި އެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް ބައްލަވާ، މި ގުޅުން ބިނާވެގެންދަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަޚްލާޤާއި، ޢަޤީދާމައްޗަށްކަމުގައި ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ފޮނުއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.