English Edition
Dhivehi Edition

ވޯލްޑް ކަޕް ރޭ ގުރޫޕް އީގައި ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗު ޖަޕާނުން ކާމިޔާބު ކޮށްފިއެވެ.

މި މެޗު ޖަޕާނުން ކާމިޔާބު ކުރީ ޖަރުމަން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

ޖަޕާނު މޮޅުވި މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެ ނެގީ ޖަރުމަނުންނެވެ. ޖަރުމަނުން ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ އިކާއީ ގުންޑޯގަންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައި ހަވާޓްޒްވެސް ޖަރުމަނަށް ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައި، ލަނޑު ބަލައިނުގެންފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ޖަޕާނުން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޖަޕާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ރިޓްސޫ ޑޯންއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޖަޕާނަށް ލީޑު ނަގައިދިނީ ޓަކޫމާ އަސާނޯއެވެ. މިއީ ކޯ އިޓަކޫރާ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ޖަޕާން ކާމިޔާބުކުރި ލަނޑެކެވެ.

ޖަޕާނުން ޖެހި ދެވަނަ ލަނޑާއި އެކު ޖަރުމަނު ޓީމު ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ޖަރުމަނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ކާމިޔާބީއާއި ހަމައަށް ދެވެގޮތެއް ނުވިއެވެ. ޖަރުމަނުގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާނުގެ ކީޕަރެވެ.