English Edition
Dhivehi Edition

ފީފާ ވޯލްޑް 2022 ގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ކްރޮއޭޝިއާ އަދި މޮރޮކޯ މިއަދު ނިކުންނައިރު، މިއީ ވެސް މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތަކުގެ ތެރެއިން ހިމެނޭނެ މެޗަކައް ވެގެން ދާނެ ކަމި ޝައްކެއް އޮތްކަމެއް ނޫނެވެ. ކްރޮއޭޝިއަ އަކީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ރަނަރަޕް ޓީމެވެ. މޮރޮކޯ އަކީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޮޅަ މުބާރާތް ކަމުގައިވާ އެފްރިކަން ނޭޝަންސް ކަޕް މީގެ ކުރިން ހޯދާފައިވާ ޓީމެކެވެ.

ދެ ޓީމުންވެސް ރަނގަޅު ކާމިޔާބީއަކަށް އުންމީދު ކޮށްގެން ވަރުގަދަ އަޒުމަކާއި އެކު މިއަދު ދަތުރު ފަށާއިރު، މިއީ މޮރޮކޯ އަދި ކްރޮއޭޝިއާގެ ފުރަތަމަ ކުރިމަތިލުމެވެ. މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. މިއަދުގެ މެޗަށް ނިކުންނަ ދެޓީމުގެ ފީފާ ރޭންކިންނަށް ބަލާއިރު، ކްރޮއޭޝިއާ ވަގުތު އޮތީ 12 ވަނާގައެވެ. އަދި މޮރޮކޯ އޮތީ 22 ވަނާގައެވެ.

ކްރޮއޭޝިއާ

ކްރޮއޭޝިއާ ޓީމަކީ މީގެ ކުރިން ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ގައުމެކެވެ. ޔޫރަޕްގެ ފުޓްބޯޅައިގަ ވެސް އަދި ދުނިޔޭގެ ފުޓްބޯޅައިގަވެސް ކްރޮއޭޝިއާ ބެލެވެނީ ގަދަ ބާރެއްގެ ގޮތުގައެވެ. މީގެ ކުރިން ކްރޮއޭޝިއާއިން ވަނީ ފަސް ވޯލްޑަ ކަޕެއްގައި ކުޅެފައެވެ. އެއީ 1998، 2002، 2006، 2014 އަދި 2018 ގެ ވޯލްޑް ކަޕްގައެވެ. އޭގެތެރެއިން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ސެމީއަށް ކްރޮއެޝިއާ ދަތުރުކުރި އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ކުޅުނެވެ.

ކްރޮއޭޝިއާ މިއަދު މޮރޮކޯއާއި ދެކޮޅަށް ނިކުންނައިރު، އެޓީމުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އެގޮތުން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލުކަ މޮޑްރިޗް، ޓޮޓެންހަމްގެ އިވަން ޕެރިސިޗް، ޗެލްސީއަށް ކުޅޭ މަޓިއޯ ކޮވަސިޗް ފަދަ ކުޅުންތެރިންނަކީ އެތީމުން ފާގަޖަ ކޮށްލެވޭ ކުޅުންތެރިންނެވެ.

ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗަސް ބަލާއިރު، އޭގެތެރެއިން ހަތަރު މެޗަކީ ޔޫއެފާ ނޭޝަނަސް ލީގުގައި އެޓީމުން ކުޅުނު ހަތަރު މެޗުތަކެވެ. އެ ހަތަރު މެޗުން ވެސް ކްރޮއޭޝިއާ ވަނީ މޮޅުވެފައެވެ. މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް އެޓީމުން މާ ގިނަ މެޗުތަކެއް ނުކުޅެއެވެ. ނަމަވެސް އެކުވެރިކަމުގެ އެއް މ،ެޗު ވަނި ކުޅެފައެވެ. އެއީ ސައުދީ އަރަބިޔާއާއި ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުން އެޓީމު މޮޅުވިއެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާވެސް ރަނގަޅުވުމުން މިފަހަރުގެ މުބާރާތައް އެތީމުން ނުކުންނަނީ ރަނގަޅު ފޯމަކާއި އެކުގައި ކަމަށް ބެލެވެއެވެ.

މޮރޮކޯ

މޮރޮކޯ އަކީ ވެސް އެފްރިކާ ސަރަހައްދުގެ ފުޓްބޯޅައިގައި ވަރުގަދަ ގައުމެކެވެ. ނަމަވެސް ފަހުގެ ތަރީޚެއްގައި މޮރޮކޯއަށް ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބީއެއް ނުލިބެއެވެ. އެއީ 1976 ވަނަ އަހަރު އެ މުބާރާތް ކާމިޔާބު ކުރި ފަހުންނެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕް ތަޖުރިބާ ހުރި ޓީމެކެވެ. މީގެ ކުރިން ފަސް ފަހަރު ވޯލްޑް ކަޕެއްގައި މޮރޮކޯ ކުޅުނެވެ. މޮރޮކޯއަށް މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ކުރިޔަށް ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރިއެވެ.

މޮރޮކޯ މިއަދުގެ މެޗަށް ނިކުންނައިރު، އެޓީމުގައި ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި ޕީއެސްޖީއަށް ކުޅެމުން އަންނަ އަސްރަފް ހަކީމީއާއި ޗެލްސީއަށް ކުޅެމުން އަންނަ ހަކީމް ޒިޔެޗް، އިޓަލީގެ ސަމްޕްޑޯރިއާއަށް ކުޅޭ ސަބީރި، ވެސްޓް ހަމް ޔުނައިޓެޑަށް ކުޅޭ ނާއިފް އަގުއެދް، ސެވިއްޔާ އަށް ކުޅޭ ގޯލް ކީޕަރު ޔާސީން ބޯނޫ ފަދަ ކުޅުންތެރިން ނަކީ މޮރޮކޯ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.

މޮރޮކޯ އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، އޭގެ ތެރޭގައި އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިން ދެ މެޗާއި އެކުވެރިކަމުގެ ތިން މެޗު ހިމެނެއެވެ. މި މެޗުގެ ނަތީޖާތަކަށް ބަލާއިރު ނަތިޖާތައް ރަނގަޅެވެ. މި ފަސް މެޗުގެ ތެރެއިން މޮރޮކޯ ބަލިވީ އެންމެ މެޗަކުންނެވެ. ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ވީ އެއްވަރެވެ. އެހެން ކަމުން މޮރޮކޯ ވެސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށް ބެލެވެއެވެ.