English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ގުރޫޕް ޑީގައި ރޭ އޮސްޓްރޭލިއާއާއި ދެކޮޅަށް ކުޅުނު މެޗުން ފްރާންސުން ކާމިޔާބު ކޮށްފިއެވެ.

އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1ގެ ނަތީޖާއިންނެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ކުޅުން ފެށިގެން މާ ގިނައިރުތަކެއް ނުވެ މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ ޓީމުންނެވެ. ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ލީޑު ނެގިއިރު، މެތިއު ލެކީގެ އެހީތެރިކަމާއި އެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެއިގް ގުޑްވިންއެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑްރިއެން ރަބިއޯޓްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ތެއޯ ހެނާންޑޭޒްގެ އެހީތެރިކަމާއި އެކުގައެވެ. ފްރާންސުން މެޗުގެ ލީޑު ނެގީ 32 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ރެބިއޯޓްގެ އެހިތެރިކަމާއި އެކުގައެވެ.

ފްރާންސް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މި މެޗުގައި ފްރާންސުން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ޑެމްބެލޭގެ އެހިތެރިކަމާއި އެކު ކީލިއަން އެމްބާޕޭއެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ޖީރޫޑެވެ. އޭނާއަށް މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ އެމްބާޕޭއެވެ. މި މެޗުގައި ޖީރޫޑް ޖެހި ދެ ލަނޑާއެކު އޭނާ ފްރާންސްގެ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ ޖުމްލަ 51 އަށް އަރާފައެވެ. މީގެ ކުރިން މި އަދަދަށް ލަނޑު ޖަހާފައިވަނީ ތިއެރީ އޮންރީއެވެ. އޭނާ ވެސް ވަނީ ފްރާންސް ގައުމީޓީމަށް 51 ލަނޑު ޖަހައިދީފައެވެ.

ރޭގެ މޮޅާއި އެކު ތިން ޕޮއިންޓާއި އެކު ގްރޫޕް ޑީގެ އެއްވަނަ ލިބެނީ ފްރާންސް އަށެވެ. ގްރޫޕްގައި ރޭ ދެން ކުޅުނު މެޗުން އެއްވަރުވި ޑެންމާކާއި ޓިއުނީޝިޔާއަށް ލިބެނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ރޭ ފްރާންސް އަތުން ބަލިވި އޮސްޓްރޭލިއާއެވެ.