English Edition
Dhivehi Edition

މި އަހަރު ގަތަރުގައި ބާއްވާ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް ގުރޫޕު ސްޓޭޖުގެ މެޗުތައް ރޭ ފެށުނުއިރު، މި މުބާރާތުގެ ދެވަނަ މެޗުގައި މިރޭ އިންގްލެންޑާއި އީރާން ބައްދަލުކުރާނެއެވެ. މިރޭ ރާއްޖޭ ގަޑިން 6:00 ގައި އިންގްލެންޑާއި އިރާން ބައްދަލުކުރާއިރު، މި މެޗަށް ނިކުންނަ ދެ ޓީމުވެސް ވަނީ މި މެޗަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ. މިރޭގެ މެޗަށް ކުރިމަތިލާއިރު، މި ދެޓީމު މީގެ ކުރިން އެކުވެރިކަމުގެ މެޗެއްގައިވެސް އަދި ވާދަވެރި މެޗެއްގައި ކުޅެފައެއް ނުވެއެވެ.

އީރާން ވަނީ މީގެ ކުރިން ފަސް ފަހަރު ވޯލްޑް ކަޕުގައި ވާދަކޮށްފައެވެ. ނަމަވެސް އެޓީމަށް މި މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ. ނަމަވެސް އެ ޓީމުން ވަނީ 14 އޭޝިއަން ކަޕެއްގައި ކުޅެ ތިން ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން އޭސިއަން ގޭމްސް ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕުގެ ކުރިން މި މުބާރާތަށް ތައްޔާރުވުމަށް އިރާނުން ވަނީ އެކުވެރިކަމުގެ ފަސް މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން ބަލިވިއިރު، ދެމެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވިއެވެ.

އީރާން ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު، މިރޭގެ މެޗުގެ ތަރިއަކީ ޕޯޗުގަލްގެ ބެންފީކާއަށް ކުޅޭ އެޓީމުގެ ފޯވާޑް މެހްދީ ޓަރެމީއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓަރެމީ އަކީ އިނގިރޭސީންނަށް ކުރިމަތި ވާނޭ އެންމެ ބޮޑުރައްކާކަމަށް ތަޖުރިބާކާރުން ދެކެއެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ އޮސަސޫނާއާއި ގްރީކުގެ އޮލިމްޕިއާކޯސް، އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެންސްޓް ފަދަ ކުލަބުތަކަށް ކުޅެފައިވާ ކަރީމް އަންސަރީފާރު އަކީ ވެސް އިރާން ޓީމުގެ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ.

އިންގްލެންޑަށް ބަލާއިރު، އެ ގައުމަކީ ޔޫރަޕް ފުޓްބޯޅައިގަވެސް އަދި ދުނިޔޭގެ ފުޓްބޯޅައިގަވެސް ބޮޑު ބާރެކެވެ. މީގެ ކުރިން 15 ވޯލްޑް ކަޕެއްގައި ކުޅެ މުބާރާތުގެ ތަށި އެއް ފަހަރު ހޯދާފައިވެއެވެ. ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގެ ތަށި ހޯދިފަހުން އިންގްލެންޑަށް އަދި މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އިންގްލެންޑް އެންމެ ފަހުން ކުޅެފައިވަނީ ޔޫއެފާ ނޭޝަންސް ލިގުގެ މެޗުތަކެވެ. އެގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާއަށް ބަލާއިރު، ނަތީޖާތައް ގޯހެވެ. އެހެނީ އެޓީމުން އެންމެ ފަހުން ކުޅުނު ފަސްގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ހަތަރު މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އެއީ ހަންގޭރީ އާއި ދެކޮޅަށް ކުޅުނު މެޗު 0-4 އިންނެވެ.

އިންގްލެންޑުގެ ޓީމު ކުޅުންތެރިންނަށް ބަލާއިރު، އެޓިމުގެ ހުރިހާ ޑިޕާޓުމެންޓެއްވެސް ވަރުގަދައެވެ. ފޯވާޑް ލައިނަށް ބެލިނަމަވެސް މެދުތެރެއަށް ބެލިނަމަވެސް އަދި ޑިފެންސް ލައިނަށް ބެލިނަމަވެސް މެއެވެ. ހެރީ ކޭން، ފޯޑެން އަދި ރަހީމް ސްޓާލިން ފަދަ ކުޅުންތެރިން ނަކީ އިންގެލެންޑު ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ދެ ޓީމުގެ ހާލަތު:

އިންގްލެންޑަށް ބަލާއިރު، ކައިލީ ވޯކާ، ޖޭމްސް މެޑިސަން، ރައިސް އަދި ފިލިޕްސް މި ހަތަރު ކުޅުންތެރިންނަށްވެސް ވަނީ އަނިޔާވެފައެވެ. އެހެން ކަމުން މި ތިން ކުޅުންތެރިން ވެސް މިރޭގެ މެޗުގައި ފެނިގެން ނުދާނެ ކަމަށް ބެލެވެއެވެ.

އީރާން ޓީމަށް ބަލާއިރު، އެތީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އޮމިޑް އިބްރަހީމީ އާއި ސަރުދާރު އަޒްމޫނަށް ވެސް ވަނީ އަނިޔާވެފައެވެ. އެހެން ކަމުން މިރޭގެ މެޗުގައި މި ދެ ކުޅުންތެރިން ނުކުޅޭނެއެވެ.

އިންގްލެންޑް އަދި އީރާން ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖޭ ގަޑިން އިރު އޮސި 6 ޖަހާއިރުގައެވެ.