English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ވިއްސާރައިގައި އައްޑޫ ސިޓީގެ ހަ ގެއަކަށް ފެންވަދެ ތަކެއްޗަށް ގެއްލުންވަމުންދާތީ، ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ވިއްސާރައިގައި ފުވައްމުލަކުގައި ފެންބޮޑުވެފައިވާ މާލެ ގަމް އަދި ހޯދަޑު އަވަށުގެ ކާނުތައް ކަނޑައި ފެން ބޭރު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން މިހާރު ދަނީ ކުރަމުންނެވެ. ސިފައިން ކުރަމުން މިދާ މަސައްކަތުގައި އެމްއާރުޑީސީ އާއި ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، ގދ. ތިނަދުއަށް ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫގެ ކައުންސިލް އިދާރާއަށް ފެންވަންނަމުންދާތީ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ގދ. ކޫއްޑޫ ޕޯސްޓުގެ ސިފައިން އަންނަނީ ޕަމްޕް ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރާގައި، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ – މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވަނީ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މެޓުން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ، ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށް، ހެނދުނު 9:00 އިން މެންދުރު 14:00 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ، މި ވަގުތުތަކުގައި ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި މެދުރާއްޖެތެރޭއާ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބެލެވިފައިވާއިރު، ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.