English Edition
Dhivehi Edition

ބެލްޖިިއަމް އަކީ ދުނިޔޭގައި ބޭއްވުނު އެންމެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތުން ފެށީ ޓީމެކެވެ. އޭގެ ފަހުން މިހާތަނަށް 13 ވޯލްޑް ކަޕެއްގައި ކުލެފައިވީ ނަމަވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ބެލްޖިއަމް އަކީ މިފަހަރުގެ މުބާރާތުގައި ދުނިޔޭގޭ ގަދަ ބާރުތައް ޖެހިލުންވާނެ ޓީމެކެވެ. ވޯލްޑްކަޕްގައި 14 ވަނަ ފަހަރު ތަމްސީލުކުރަން ނިކުންނައިރު ބެލްޖިއަމް އަކީ މީގެ ކުރިން ވޯލްޑްކަޕްގެ ކާމިޔާބީއެއް ލިބިފައިވާ ޤައުމެއް ނޫނެވެ. ވޯލްޑްކަޕްގެ ތާރީހުގަވެސް އެޤައުމަށް އެންމެ ކުރިއަށް ދެވުނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގެ ހަތަރުވަނައަށެވެ. އެމުބާރާތުން ބެލްޖިއަމް ކެޓީ ސެމީފައިނަލްގައި އާޖެންޓީނާއާއި ވާދަކޮށް ބަލިވުމުންނެވެ.

ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު މިފަހަރުގެ މުބާރާތުގައި އެޓީމުގެ ޒުވާން ކުޅުންތެރިންތައް ހުއްޓުވުމަކީ އިދިކޮޅު ޓީމްތައް ޖެހިލުންވާނެ ކަމެއްކަން ކޮލިފައިންގައި އެޓީމު ވަނީ ސާބިތުކޮށްދީފައެވެ. ޔޫރަޕް ސަރަހައްދުން ބެލްޖިއަމް މިފަހަރު ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ ޗެކްރި ޕަބްލިކް އަދި ވޭލްސް ފަދަ ގައުމުތައް ފަހަތައް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުން 8 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު އެއްވަރުވީ ދެމެޗުންނެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް ބެލްޖިއަމް ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މާޓިނޭޒް ބެލްޖިއަމްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ބެލްޖިއަމް ކަޓައިގެން ދިއުމުން އޭރު ކޯޗަކަށް ހުރި މާކް ވިލްމޮޓްސް ކޯޗް ކަމުން ވަކިވުމުންނެވެ. މާޓިނޭޒް އާއި ޓީމު ހަވާލު ކުރީ އޭގެ ފަހުންނެވެ. ކްލަބު ކޯޗެއްގެ ގޮތުގައި ކާމިޔާބުތަކެއް ނުލިބުނަސް، ބެލްޖިއަމްގެ ގައުމީ ޓީމާ އެކު އޭނާ ވިދާލި އެވެ. މާޓިނޭޒް ވަނީ ނިމިގެން ދިޔަ 2018 ގެ ވޯލްޑް ކަޕު ސެމީފައިނަލަށް ބެލްޖިއަމް ގެނގޮސްދީފައެވެ. އެ މުބާރާތުގެ ތިންވަނަ ބެލްޖިއަމަށް ލިބުނެވެ.

ބެލްޖިއަމްއާއި އެކު އެގްރޫޕްގައި ދެންހިމެނެނީ ކެނެޑާ، މޮރޮކޯ އަދި ކްރޮއެޝިއާއެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި ނޮވެމްބަރު 24 ވަނަ ދުވަހު ބެލްޖިއަމް ނިކުންނާނީ ކެނެޑާ އާއި ދެކޮޅަށެވެ. މުބާރާތުގައި ޔުރަޕް ތަމްސީލު ކުރާ ބެލްޖިއަމްއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭނެކަމަށް ފުޓްބޯޅަ ދިރަސާ ކުރާ ގިނަ ބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ.

ބެލްޖިއަމް އަކީ ޒުވާން އަދި ތަކުރިބާކާރު ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އެގޮތުން ކެވިން ޑިބްރެއިނާ، އެޑެން ހަޒާޑް، ރޮމެލޫ ލުކާކޫ، ގޯލްކީޕަރު ތިބައޫ ކޯޓުއާ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ބެލްޖިއަމް ކުޅޭ މެޗުތައް

24 ނޮވެމްބަރ 2022 | ބެލްޖިއަމް – ކެނެޑާ | 00:00

27 ނޮވެމްބަރ 2022 | ބެލްޖިއަމް – މޮރޮކޯ | 18:00

1 ޑިސެމްބަރ 2022 | ކްރޮއޭޝިއާ – ބެލްޖިއަމް | 20:00