English Edition
Dhivehi Edition

ފުޓްބޯޅައިގައި އޭޝިޔާގެ އެންމެ ކާމިޔާބު އެއްޤައުމު ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރީ 1998 ވަނަ އަހަރުއެވެ. ޖެހިޖެހިގެން ހަތްވަނަ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާން ޓީމް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ 47 ޕޮއިންޓާއިއެކު ފަސޭހަކަމާއި އެކު ހޯދައިގެންނެވެ. އޭޝިޔާގެ އުއްމީދާއި ގުޅިފައިވާ ޖަޕާނަކީ ސަރަހައްދީ ފުޓްބޯޅައިގައި ކާމިޔާބު ޤައުމެކެވެ. ވޯލްޑްކަޕް ކާމިޔާބުކުރެވިފައި ނެތްނަމަވެސް އެޓީމްވަނީ 2002 ވަނަ އަހަރާއި 2010 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަބުރާއި ހަމައަށް ގޮސްފައެވެ. މީގެ އިތުރުން އެޓީމްވަނީ ސަރަހައްދީ މުބާރާތް “އޭޝިއަން ކަޕް” ހަތަރު ފަހަރު ހޯދައި އެންމެ ގިނައިން އެ މުބާރާތް ކާމިޔާބު ކުރި އޭޝިޔާގެ ޓީމަށް ވެފައެވެ. މީގެ އިތުރުން 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ދެވަނަ މަޤާމްވެސް ޖަޕާން ވަނީ ހޯދާފައެވެ.

2002 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގައި ގްރޫޕްގެ އެއްވަނަ ހޯދައި ދެވަނަބުރުގައި ތުރުކީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އެޓީމުޖެހުނީ މުބާރާތާއި ވަކިވާށެވެ.

ޖަޕާންގެ ކޯޗަކީ އެގައުމަށް އުފަން އުމުރުން 54 އހަރުގެ ހާސިމޯ މޮރިޔާސޫއެވެ. އޭނާ ޖަޕާން ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. މޮރޮޔާސޫ ވަނީ ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީފައެވެ. އޭނާ ވަނީ ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް އޭސިއަން ގޭމްސްގެ ސިލްވަރ މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން ޖަޕާން ސީނިއަރ ޓީމާއި ހަވާލުވެ މޮރިޔަސޫ ވަނީ އޭސިއަން ކަޕްގެ ފައިނަލަށް ޖަޕާން ގެންގޮސްދީފައެވެ. އަދި މީގެ އިތުރުން މިއަހަރު ބޭއްވުނު އީއޭއެފްއެފް އީ ވަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ޖަޕާން ޓީމަށް ހޯދައި ދީފައިވެއެވެ. މޮރިޔާސޫ ވަނީ ޖަޕާނުގެ ޖޭ ލީގުގެ އެންމެ މޮޅު ކޯޗުގެ މަޤާުމު ތިން ފަހަރު ހޯދާފައެވެ.

ޖަޕާން ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު، އެޓީމުގައި ވެސް ޔޫރަޕް ކުލަބުތަކަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އެބަ ތިބިއެވެ. އެގޮތުން އާސެނަލް އަށް ކުޅޭ ޓަކެހީރޯ ޓޮމިޔާސޫ އާއި ސެލްޓިކް އަށް ކުޅޭ ޔޯގޯ ފުރުހާސީގެ އިތުރުން ރެއާލް ސޮސިއެދާދަށް ކުޅެމުން އަންނަ ޓަކެފޫސާ ކޫބޯ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ގުރޫޕު ސްޓޭޖުގައި ޖަޕާން ކުޅޭ މެޗުތައް

23 ނޮވެމްބަރ 2022 | ޖަރުމަނު – ޖަޕާން | 18:00

27 ނޮވެމްބަރ 2022 | ޖަޕާން – ކޮސްޓަރިކާ | 15:00

2 ޑިސެމްބަރ 2022 | ޖަޕާން – ސްޕެއިން | 00:00