English Edition
Dhivehi Edition

ކޮންކާކަފް ސަރަހައްދުން ވޯލްޑްކަޕްގައި ވާދަކުރާ މެކްސިކޯ އަކީ މިހާތަނަށް ވޯލްޑްކަޕްގައި 16 ފަހަރު ކުޅެފައިވާ ޓީމެކެވެ. ޤައުމު ފަހުރުވެރިވާފަދަ ކާމިޔާބެއް ވޯލްޑްކަޕްގައި ލިބިފައިނުވާ މެކްސިކޯއަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނީ އަމިއްލަ ޤައުމުގައި ކުޅުނު ދެފަހަރުއެވެ. އެއީ 1970 އަދި 1986 ވަނަ އަހަރު ކުއާޓަރ ފައިނަލްއާއި ހަމައަށެވެ. އާޖެންޓީނާއާއި އެއް ގްރޫޕެއްގައި ހިމެނުމުން މެކްސިކޯގެ މިފަހަރުގެ އަމާޒަކަށް ވާނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. 1994 ވަނަ އަހަރުގެ މުބާރާތުން ފެށިގެން ވޭތުވެދިޔަ ހަފަހަރުވެސް ވޯލްޑްކަޕްގެ ދެވަނަ ބުރުން މެކްސިކޯ ކަޓާފައިވާއިރު 2006 ވަނަ އަހަރާއި 2010 ވަނަ އަހަރު މެކްސިކޯ ކެޓީ އާޖެންޓީނާއާއި ވާދަކޮށެވެ.

ވޯލްޑްކަޕްގެ ގަދަ އަށަކަށް ދިއުމަށް އެޤައުމުގެ ރައްޔިތުން ކުރާ ދިގު އިންތިޒާރުގައި މިހާތަނަށް ކުލަޖެހިފައި ނުވާއިރު މިއަހަރުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއަޔަސް ދެވަނަ ބުރުގައި ޔޫރަޕްގެ ވަރުގަދަ ބާރަކާއި ޖެހުމުގެ ފުރުޞަތު މެކްސިކޯއަށް ވަރަށް ބޮޑެވެ. މެކްސިކޯ ދެވަނަ ބުރަށް ގޮސްފިނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް ޑީ އިން އެއްވަނަ ނުވަތަ ދެވަނަ ޓީމާއެވެ. ގްރޫޕް ޑީ ކާމިޔާބު ކުރާނެކަމަށް ބޮޑަށް ބެލެވެނީ 2018 ވަނަ އަހަރު ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސް އަދި ޑެންމާކް އާއި ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕްގައިވެސް މެކްސިކޯއަށް އޮތީ ހަނި ފުރުޞަތެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައިވީ، ކޮލިފައިންގައި އެޓީމު ހިމެނުނު ކޮންކާކަފް ސަރަހައްދުގެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މެކްސިކޯ ވަނީ ކޮލިފައިންގައި ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރުކޮށްފައެވެ. އަދި ދެމެޗުން ވަނީ ބަލިވެފައެވެ.

މެކްސިކޯގެ ކޯޗެއްގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ހުންނާނީ އާޖެންޓީނާއަށް އުފަން އުމުރުން 59 އަހަރުގެ ޖެރާޑޯ މާޓިނޯއެވެ.. އެޓޭކިންގ ފުޓްބޯޅައަށް ލޯބިކުރާ މާޓިނޯ މެކްސިކޯގެ ޤައުމީ ޓީމާއި ހަވާލުވީ 2019 ވަނަ އަހަރުގައެވެ. މީގެ ކުރިން މާޓިނޯ ވަނީ އާޖެންޓީނާ ގައުމީ ޓީމާއި ސްޕެއިންގެ ބާސެލޯނާއަށް ވެސް ކޯޗު ކޮށްދީފައެވެ.

މެކްސިކޯ ޓީމުގެ ކުޅުންތެރިންނަށް ބަލާއިރު، އެގައުމަކީ ވެސް މޮޅެތި ކުޅުންތެރިން އުފެދޭ ގައުމެކެވެ. ޔޫރަޕުގެ ކުލަބުތަކަށް ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން މެކްސިކޯގެ މިފަހަރުގެ ސްކޮޑުގައި ހިމެނުނުއިރު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަޔެކްސް އަށް ކުޅޭ ޖޯޖް ސަންޗޭސް، އެޑްސަން އަލްވަރޭޒް، ޕީއެސްވީއަށް ކުޅޭ އެރިކް ގުއިޓަރޭޒް، ރެއާލް ބެޓިސް އަށް ކުޅޭ އެންޑްރޫ ގުއެޑާޑޯ، ނަޕޮލީއަށް ކުޅޭ ހާވިއޭ ލޮޒާނޯ، ވުލްވްސް އަށް ކުޅޭ ރައުލް ޖިމެނޭޒް ފާހަގަ ކޮށްލެވެއެވެ.

މެކްސިކޯ ގުރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | މެކްސިކޯ – ޕޮލެންޑް | 21:00

27 ނޮވެމްބަރ 2022 | އާޖެންޓީނާ – މެކްސިކޯ | 00:00

1 ޑިސެމްބަރ 2022 | ސައުދީ އަރަބިއާ – މެކްސިކޯ | 00:00