English Edition
Dhivehi Edition

އައްޑޫސިޓީ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މުއްސަނދިކަމަކީ ފަތުރުވެރިކަންކަމަށާއި ބޭރުގެ އެއާލައިންތަކުގެ ޑައިރެކްޓް ފްލައިޓުތަކުގެ ދަތުރުތައް ސީދާ އައްޑޫ ގަން އެއާޕޯޓަށް ފެށޭނެ ގޮތް ނުހެދެންވީ ކީއްވެތޯ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންތަކަކާ ބައްދަލުކުރައްވައި ވާހަަކަފުޅުދައްކަވަމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވީ އައްޑޫ ސިޓީ ގަމަކީ ހަމައެކަނި އެއާޕޯޓެއް ހިިންގަން ޚާއްސަވެފައި އޮންނަންޖެހޭ ތަނަކަށް ވެގެންނުވާނެކަމަށެވެ.

“ބޭރުގެ އެއާލައިންތަކުގެ ޑައިރެކްޓް ފްލައިޓުތަކުގެ ދަތުރުތައް ސީދާ އައްޑޫ ގަން އެއާޕޯޓަށް ފެށޭނެ ގޮތް ނުހެދެންވީ ކީއްވެތޯ؟ އެކަން ކޮށްފިކަމުގައިވާނަމަ މި ތަނަށް އަންނާނެދޯ ގެސްޓުން ޑައިރެކްޓްލީ. އެއްކަލަ ނައިން އަވާޒްގެ ފްލައިޓުގައި އަންނަ މީހުން ސްޓްރެއިޓްކޮށް މި ތަނަށް ދޯ އަންނާނީ. އެކަމު އެ ކަން ކުރުމަކީ އެހާ އުނދަގޫ ކަމެއް ހެއްޔޭ؟” ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޔާމީނު ވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއަށް ނުދާތީ އެކަމާއި ސުވާލު އުފައްދަވާފައެވެ.

ޔާމީން ވިދާޅުވީ މިހާރުވެސް ގަން އެއާޕޯޓުގައި ޒަމާނީ ރަންވޭއެއް އެބައޮތްކަމަށާއި މިހާރު ބޭނުންވަނީ ބައިނަލްއަގްވާމީ ގަވައިދުތަކާ އެއްހަމަ ވަސީލަތްތަކާއި ޚިދުމަތްތައްކަމަށެވެ.

މިހާރުގެ ސަރުކާރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު އިއުލާން ކުރައްވަވާފައިވާއިރު މި މަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމްކުރާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިން ސަރަޙައްދެއްވެސް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

.