English Edition
Dhivehi Edition
އިކުއެޑޯ ގައުމީ ފުޓްބޯޅަ ޓީމް

މިހާތަނަށް ތިން ވޯލްޑްކަޕް ކުޅެފައިވާ އިކުއެޑޯ މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ކޮލިފައިންގައި ދެކުނު އެމެރިކާގެ ހަތަރުވަނަ ހޯދައިގެންނެވެ. މީގެ ކުރިން 2002، 2006 އަދި 2014 ވަނަ އަހަރު ވޯލްޑްކަޕްކުޅެފައިވާ އިކުއެޑޯއަށް ވޯލްޑްކަޕްގައި އެންމެ ކުރިއަށް ދެވުނީ 2006 ވަނަ އަހަރު ގަދަ 16 އާއި ހަމައަށެވެ. އެފަހަރު މުބާރާތުން އެޓީމު ވަކިވާން ޖެހުނީ 1-0 ން އިންގްލެންޑް އަތުން ބަލިވެގެންނެވެ. 2002 ވަނަ ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕުން އެޓީމު ކެޓީ ގްރޫޕް ޖީގެ އެންމެ ފުލަށް ގޮސްގެންނެވެ. 2014 ވަނަ އަހަރުގެ މުބާރާތުން އިކުއެޑޯ ކެޓީ ގުރޫޕު ސްޓޭޖުންނެވެ.

މިހާތަނަށް ބައިނަލްއަޤްވާމީ އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ އިކުއެޑޯވަނީ ސަރަހައްދީ މުބާރާތް “ކޮޕަރ އެމެރިކާ” ގެ ހަތަރުވަނަ މަޤާމް ދެފަހަރު ހޯދާފައެވެ. އެއީ 1959 އަދި 1993 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ދެމުބާރާތުގައެވެ. އެއީ އެޤައުމަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނު ދެމުބާރާތެވެ.

މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން އެޤައުމުވަނީ ހަތްމެޗް ކާމިޔާބުކޮށް ފަސް މެޗް އެއްވަރުކޮށްފައެވެ. އެޓީމު ބަލިވީ ޖުމްލަ ހަމެޗުންނެވެ.

އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ

އިކުއެޑޯގެ ކޯޗެއްގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ހުންނާނީ އާޖެންޓީނާއަށް އުފަން އުމުރުން 60 އަހަރުގެ ގުސްޓާވޯ އަލްފާރޯއެވެ. ގުސްޓާވޯ އަކީ ކުޅުންތެރުއެއްގެ ގޮތުގައި މާ ބޮޑު ތާރީޚެއް އޮތް ފަރާތެއް ނޫނެވެ. އޭނާ ބޮޑަށް ފާހަގަވެފައިވަނީ ކޯޗެއްގެ ގޮތުގައެވެ. ގުސްޓާވޯ ކޯޗިން ކެރިއަރު ފެށީ 1992 ވަނަ އަހަރު ކުލަބު އެތްލެޓިކޯ ޑި ރަފައެލާ އިންނެވެ. އާޖެންޓީނާގެ ޕްރިމިއަރ ޑިވިސަންގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ބޮކަޖޫނިއަރސް، ބެލްގެރާނޯ، އާސެނަލް ޑި ސަރަންޑި ފަދަ ކުލަބުތައް ހިމެނެއެވެ. އޭނާ ވަނީ މި ކުލަބުތަކާއި އެކު ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދާފައެވެ..

ގުސްޓާވޯ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ގުސްޓާވޯ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވެ 2021 ވަނަ އަހަރު ބްރެޒިލްގައި އޮތް ކޮޕައެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް އެކުޑޯ ގެންގޮސްދިނެވެ. މިއީ އެކުއެޑޯގެ ކޯޗުކަމާއި ހަވާލުވި ފަހުން ގުސްޓާވޯއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެކުއެޑޯ މިހާތަނަށް 31 މެޗު ކުޅެފައިވާއިރު، ބަލިވީ އެންމެ އަށް މެޗުންނެވެ. 11 މެޗުން މޮޅުވިއިރު، 12 މެޗުން ވަނީ އެއްވަރުވެފައެވެ.

ބަޔާން ލެވަކޫސަންއަށް ކުޅެމުން އަންނަ ޕިއޭރޯ ހިންކަޕީ

އިކުއެޑޯ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ނަން މަޝްޙޫރު ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބަޔާން ލެވަކޫސަން އަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޕިއޭރޯ ހިންކަޕީ އާއި އިނގިރޭސި ޕްރިމިއާލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ 24 އަހަރުގެ ޕެރްވިސް އެސްޓޫޕިނާން އަދި ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ އެނާ ވެލެންސިއާ ފާހަގަކޮށްލެވެއެވެ. މި ތިން ކުޅުންތެރިން ނަކީ ވެސް މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ އިކުއެޑޯ ޓީމުގައި ތަފާތު ދައްކާނެ ތިން ކުޅުންތެރިންނެވެ.

ގުރޫޕް ސްޓޭޖުގައި އިކުއެޑޯ ކުޅެން ހަމަ ޖެހިފައިވާ މެޗުތައް

20 ނޮވެމްބަރ 2022 | 21:00 ގަތަރު – އިކުއަޑޯ

25 ނޮވެމްބަރ 2022 | 21:00 ނެދަލެންޑްސް – އިކުއަޑޯ

29 ނޮވެމްބަރ 2022 | 20:00 އިކުއެޑޯ – ސެނެގާލް