English Edition
Dhivehi Edition
ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް ހުކުރު ދުވަހުރޭ ( 28 އޮކްޓޯބަރު 2022) މާލޭގައި އޮންނާނެއެވެ.

ކާނިވާ ސަރަހައްދުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.

މުފްތީ މެންކްގެ އިތުރު ދަރުސްތައް މި ހަފްތާ ބަންދުގައި ކުރިއަށް ދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި މި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި

ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ޙާފިޒް އަޙްމަދު ސްކޫލުގައި

އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި

ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި

މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ތަފާތު މައުޟޫޢުތަކަށް މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީވެސް މުފްތީ މެންކެވެ.

 

މަަޝްދަރު: އިސްލާމިކް މިނިސްޓްރީ