ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދެވަނަ އޯޕަންޑޭ މިމަހު ބާއްވާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ އޯޕަންޑޭ ބާއްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށެވެ. މިފަހަރުގެ އޯޕަންޑޭ ބާއްވާނީ ފޭދޫއިން ގަމަށްއަރާއިރު އެއޮންނަ ގޮނޑުދޮށުގައެވެ.އެ ހަރަކާތް ކުރިއަށްދާނީ އެދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.
މިއީ މުޅި އައްޑޫސިޓީއަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. ރޯވިންއަށް ޝައުގުވެރިވާ ކުދިންނަށް ރޯވިން ތަޖުރިބާކޮށްލުމާއި އެކަމަށް އިތުރު ކުދިން ޝައުގުވެރި ކުރުވުމަށް ބާއްވާ މިހަރަކާތް މިއަހަރު ބާއްވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި ރޯވިން (ފަލިޖެހުން) މިހާރުވަނީ ހިމަނައިފައެވެ. އެހެންކަމުން މުސްތަގުބަލަށް ކުދިން ތަމްރީންކޮށް އިތުރު ތަމްރީންތަކަށް ބޭރަށް ފޮނުވުމަކީވެސް އެސޯސިއޭޝަނުން ކުރާ ކަމެވެ. ވަރަށް ފަހުންވެސް ވަނީ ސިންގަޕޫރުގައި ބޭއްވި ތަމްރީން ކޭމްޕެއްގައި ދެ އެތުލީޓަކު ބައިވެރި ކޮށްފައެވެ.