English Edition
Dhivehi Edition

މީގެ 1400 އަހަރު ކުރިން ރަސޫލް (ޞޢވ) ވަނީ ނުބައި ރަޙްމަތްތެރިންނާއި ރަނގަޅު ރަހްމަތްތެރިންގެ ސިފަ ބަޔާންކޮށްދެއްވަވާފައިވާފައެވެ.

އެގޮތުން ޞަހީޙް ބުޚާރީ އާއި މުސްލިމްގައި ބަޔާންވެފައިވާ ގޮތުން ރަނގަޅު ރަހްމަތްތެރިންނާއި ނުބައި ރަޙްމަތްތެރިންގެ މިސާލަކީ ކަނބުރުވެރިއަކާއި އަތަރު ވިއްކާ މީހެއްގެ މިސާލެވެ.

އަތަރު ވިއްކާ މީހާ ތިބާއަށް އަތަރުކޮޅެއް ދިން ނަމަވެސް، ތިބާ އޭނާގެ އަތުން އަތަރު ގަތް ނަމަވެސް އަދި އޭނާ އާއި ގައިގޯޅިވެ އުޅުމުންވެސް ތިބާގެ ގައިން ދުވާނީ އަތަރުގެ މީރުވަހެވެ.

ނަމަވެސް ކަނބުރުގެއަކަށްވަދެ ކަނބުރުވެރިއަކާއި ކައިރިވެ އުޅޭނަމަ ތިބާގެ ހެނދުމަށް އަލިފާން ކަނި ބުރައި ބައެއް އަނދައިދާނެއެވެ. އަދި ތިބާގެ ގައިން ދުވާނީވެސް ނުބައި ވަހެވެ.”

މިމިސާލަށް ބަލައިފިނަމަ މިއީ ވަރަށް ޢިބްރަތްތެރި މިސާލެކެވެ. ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައި އެވަނީ ނުބައި ރަޙްމަތްތެރިޔާގެ ކިބައިން ބުރާނީ އަލިފާން ކަނި ކަމަށެވެ. އަދި އެފަދަ މީހަކާއި ކައިރިވެއުޅޭނަމަ އެކަމުގެ ސަބަބުން ތިބާވެސް ދާނީ އަނދަމުން ކަމެވެ. ކޮންފަދަ ބޮޑު ބިރުވެރިކަމެއް ތޯއެވެ.

މިއަދު އަހަރެމެންނަށް ކުރިމަތިވެގެން މިއުޅެނީ މި މައްސަލައެވެ. ހުރިހާ ނުބައި ކަންކަން ކުރާ މީހުންނާއިއެކުވެސް އެބަ އުޅެވެއެވެ. އެފަދަ މީހުންނާއި ގުޅުން ބާއްވާއިރު ހިތުގައި އޮންނަނީ އެފަދަ މީހެއްގެ ސަބަބުން ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި އޭނާގެ ކިބައިގައި ހުންނަ ނުބައި ސިފަތައް ވާރުތަ ނުކުރާނެ ކަމުގައި ވެދާނެއެވެ. ނަމަވެސް އެއީ އެކަން ވާނެ ގޮތެއް ނޫނެވެ. ނުބައި އަމަލުތައް ކުރާ މީހަކާއި ގުޅިގެން އުޅޭނަމަ އޭނާގެ ކިބައިން ނުބައި ކަންކަން ކުރަން ހިތްވަރު ލިބި ނުބައި ކަންކަން ތިމާއަށްވެސް ކުރެވުން އޮންނާނީ ދާދި ގާތުގައެވެ. 99 އިންސައްތަ ފަހަރު އޮންނާނީ އެމީހަކާއި އެއްގޮތަށް އުޅެވިފައެވެ.

ހަމަ އެފަދައިން ރަނގަޅު ގޮތުގައި އުޅޭ، ތަޢްވާވެރިއަކާއި ގުޅިގެން އުޅޭނަމަ އެކަމުގެ ފައިދާ ދާނީ ތިމާއަށްވެސް ކުރަމުންނެވެ. ތިމާގެ ތަޤްވާވެރިކަންވެސް ދާނީ އިތުރުވަމުންނެވެ. ބަންގި ގޮވީމާ ނަމާދަށް ދިއުމަށް އެމީހާ ތިބާއަށް ދައުވަތުދޭނެއެވެ. ތިބާއަށް ނުބައި ކަމެއް ކުރެވެން އުޅޭނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރާނެއެވެ. ޢިލްމުވެރިއަކާއި އުޅޭނަމަ އޭނާގެ ޢިލްމުން ތިބާއަށް ދާނީ ވާރުތަކުރަމުންނެވެ.

އަމިއްލަ ދިރިއުޅުމަށް ބަލައިލާށެވެ! އަނބިދަރިންނަށް ސަމާލުކަން ނުދޭ މީޙުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެ ސިފަ އަށަގަންނާނެއެވެ. އަނބިދަރިންނަށް ސަމާލުކަން ދޭ މީހުނާއިއެކުގައި އުޅޭ ނަމަ އަނބިދަރިންނަށް ދެވޭ ސަމާލުކަން ދާނީ އިތުރުވަމުންނެވެ. އަނބިންނަށް ނުވަތަ ފިރިންނަށް ޚިޔާނާތްތެރިވާ މީޙުނާއިއެކުގައި އުޅޭނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި ވެސް އަށަގަންނާނެއެވެ. މިހެން ގޮސް މިފަދަ ކިތަންމެ ގިނަ މިސާލުތަކެއް ވެސް ދެއްކިދާނެއެވެ.

ނުބައި މީހުންގެ ތެރެއިންވެސް އެންމެ ނުރައްކާތެރި މީހުންގެ ތެރޭގައި މަކަރުވެރިންނާއި ދޮގުހަދާ މީހުންނާއި ފިތުނަ ފަސާދަ އުފައްދާ މީހުންނާއި ދެބައުޑުވާ މީހުންނަކީ ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. އެފަދަ މީހަކާއިއެކު ގުޅުން ބޭއްވޭނަމަ ޢާއިލީ ދިރިއުޅުމާއި ދިރިއުޅުމުގެ އެންމެހައި ކަންކަން ޚަރާބުވެގެން ހިނގައިދާނެއެވެ.

ކޮންމެއަކަސް ވިސްނައި ބިރުވެތިވާންވީ އާޚިރަތް ދުވަހަށެވެ. އެކުވެރިންގެ ގޮތުގައި ނުބައި މީހުން ގެންގުޅުމަކީ ނަރަކަ ޢާއި ގާތްވަމުންދާނެ ސަބަބެކެވެ. ރަނގަޅު މީހުންނާއި އެކުވެރިވެގެން އުޅުމަކީ ސުވަރުގެ ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ވީމާ އާޚިރަތް އެދޭނަމަ އެކުވެރިންގެ ގޮތުގައި ނުބައި މީހުން ނުގެންގުޅޭށެވެ! އެފަދަ މީހުންނާއި ދުރުހެލިވާށެވެ!

އިސްލާމީ ތިލަފަތުގެ ދަރުސަކުން