ޕީއެސްޖީ އަަށް ކުޅެމުން އަންނަ ފްރާންސް ފޯވަޑް ކީލިއަން އެމްބާޕޭ އެ ޓީމާ މެދު ހިތްހަމަނުޖެހި އަންނަ ޖެނުއަރީ ޓްރާންސްފާގައި ކުލަބު ދޫކޮސްލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް ދޮގުކޮށްފިއެވެ.
ކަމްޕޯސް މިހެން ބުނެފައިވަނީ އެމްބާޕޭ ޕީއެސްޖީއާމެދު ހިތްހަމަނުޖެހގެން ކުލަބު ދޫކޮށްލަން އުޅޭކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަތަކާއި ގުޅިގެންނެވެ. ކަމްޕޯސް ބުނީ އެމްބާޕޭ އޭނާ ގާތު ވެސް އަދި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ގާތު ވެސް ޖެނުއަރީގައި ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ބުނެފައި ނުވާކަމަށާއި ޕީއެސްޖީގައި އެމްބާޕޭ ހުންނަނީ ހިތްހަމަޖެހިގެންތޯ ނުވަތަ ނޫންތޯ އެނގޭނީ އެމްބާޕޭއަށް ކަމަށެވެ. އަދި އެކަން އޮޅުން ފިލާނީ ވެސް އެމްބާޕޭ ގާތުން އެހުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ކަމްޕޯސް ބުނީ އެމްބާޕޭ ކުލަބާއި މެދު ހިތްހަމަ ނުޖެހިފަ ހުރިކަން އެނގިފައި ނުވާކަމަށާއި އޭނާ އަށް ފެންނަނީ ޕީއެސްޖީގައި އެމްބާޕޭ ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.
މީގެ އިތުރުން ކެމްޕޯސް ބުނީ މީޑިއާތަކުގައި ދެކެވޭ ވާހަތަކަކީ ހަގީތަކަށް ނުވާނެ ކަމަށާއި އެންމބާޕޭ ވެސް އަދި މެސީ އާއިވެސް ކުލަބުގެ ފަރާތުން މަޝްވަރާތައް ކޮށްފައިވާނޭ ކަމަށާއި އެއިން އެއްވެސް ކުޅުންތެރިއަކު ކުލަބު ދޫކޮށް ދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އަދި ޕީއެސްޖީން އެދެނީ މިހާރު ކުލަބުގައި ތިބި އެއްވެސް ކުޅުންތެރިއަކު ކުލަބު ދޫކޮށް ނުދިއުން ކަމަށް ވެސް އޭނާ ބުންޏެވެ.
އެމްބާޕޭ ވަނީ 2025 ވަނަ އަހަރާ ހަމައަށް ޕީއެސްޖީގައި މަޑުކުރުމަށް އެއްބަސްވުން އައުކޮށްފައެވެ.