English Edition
Dhivehi Edition

ޢަމަލުތައް ގަބޫލުކުރެއްވުން ބިނާވެފައިވަނީ އިޚްލާޞްތެރިކަމާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަބިއްޔާ އަށް އަންގަވާފައިވަނީ އަޅުކަންތަކުގައި އިޚްލާޞްތެރިވުމަށެވެ. އުންމަތަށް އިޚްލާޞްތެރިކަން ދަސްކޮށްދެއްވުމުގެ ގޮތުންނެވެ. ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْ إنِّي أُمرتُ أنْ أعبُدَ اللهَ مُخلِصاً لهُ الدينَ) މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ”. ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قل اللهَ أعبُدُ مخلِصاً لهُ ديني) މާނައަކީ: ” ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ”.

އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاعبُدِ اللهَ مخْلِصاً له الدينَ ألا لله الدينُ الخالصُ) މާނައަކީ:” ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ”.

އިންސާނާގެ ބަހާއި ޢަމަލު އަދި މުދަލުން ކުރެވޭ ޞަދަގާތް ތަކަކީ ﷲ އަށް ޚާލިޞްކަމާއި އެކު ކުރާ ކަންތައް ކަމުގައި ހެދުމަށް އަންގަވާ އަލްބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (وما أُمِروا إلا لِيَعبُدوا اللهَ مُخلِصينَ له الدينَ حُنَفَاءَ) މާނައަކީ:” ބާޠިލްމަގުން އެއްކިބާވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމްކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ”.

ގިޔާމަތްދުވަހުން ﷲ އާއި ބައްދަލުކުރަން އެދޭ މީހާ އިޚްލާޞްތެރިކަމާއި އެކު ހެޔޮ ޢަމަލުކުރުމަށް އަންގަވައި ސޫރަތުލް ކަހްފުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فمَنْ كَانَ يَرْجُوْ لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلَا يُشْرِكْ بعِبادَةِ رَبِّهِ أحداً) މާނައަކީ:” ތިޔަބައިމީހުންކުރެ ކޮންމެ މީހަކުނަމަވެސް ﷲ އާއި ބައްދަލުކުރުމަށް އުއްމީދުކުރަނީނަމަ، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނަ ހުށިކަމެވެ. އަދި ﷲ އަށް އަޅުކަން ކުރުމުގައި އެހެންއެއްވެސް ފަރާތަކާ ޝަރީކު ނުކުރާ ހުށިކަމެވެ”.

ކުރާ ކޮންމެ ޢަމަލެއްގައި ﷲ އަށް އިޚްލާޞްތެރިވުމަށާއި، މީހެއްގެ ފަރާތުން ލިބިދާނެ ރީތިނަމަަކަށް ނުބެލުމަށް ކައުއިތުރު ނަބިއްޔާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އަދި ﷲ އަށް އިޚްލާޞްތެރިވުމެއް ނެތި ކުރާ ކޮންމެ ޢަމަލަކީ އެޢަމަލެއް ކުރި މީހަކަށް ރައްދުވެގެންވާ ކަމެއްކަންވެސްވަނީ ބަޔާންކޮށް ދެއްވާފައެވެ. ﷲ ބައްލަވާ ވޮޑިގެންވަނީ ޢަމަލުތަކުގެ ބޭރުފުށަށް ނުން ކަމަށާއި، މީހާގެ ހިތަށް ކަންވަނީ ބަޔާންކޮށް ދެއްވާފައެވެ. ސަބަބަކީ ޢަމަލުތައް ބިނާވެގެންވަނީ އޭނާގެ ނިޔަތަށް ކަމަށްވާތީވެއެވެ.

ދެއްކުންތެރިކަމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބައެއްފަހަރަށް “ކުޑަޝިރްކު” ގެ ނަމުން ނަންދެއްވައެވެ. އަދި އަނެއްބައިފަހަރަށް “ސިއްރު ޝިރްކު” ގެ ނަމުން ނަންދެއްވައެވެ. ދެއްކުންތެރިކަމާއި އެކު ޢަމަލުކުރާމީހުންގެ ކިބައިން ގިޔާމަތް ދުވަހު ﷲ ބަރީއަވެވަޑައިގަންނަވާނެއެވެ. އަދި އެފަދަ ޢަމަލުތަކަށް ޖަޒާ ނުދެއްވާނެއެވެ. އެފަދަމީހުންނަށް ދެންނެވޭނެއެވެ. “ތިބާ އެބަޔަކަށް ދެއްކުމަށް ކަންތައް ކުޅަމީހުންގެ ފަރާތުން ދަރުމަ އާއި ޘަވާބަށް އެދޭށެވެ، ތިމަން ﷲ ގެ ޙަޟްރަތުގައި ތިބާ އަށް ދޭނެ ދަރުމައެއް ޘަވާބެއް ނެތެވެ”.

މިއީ ޑރ އިޔާޟް އަބުދުއްލަތީފް ރިވެތި އަދަބުތަކާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ..