English Edition
Dhivehi Edition

ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަކީ އިހުގައި އޮތް ޤައުމިއްޔަތު އަނބުރާ ދިރުވުމުގެ ގޮތުންކުރެވޭ މަސައްކަތްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުތަކުރުފާނު ރާއްޖެ ޕޯޗްގީޒުންގެ ކިބައިން ސަލާމަތްކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އެންމެ މުހިންމުކަމަކީވެސް އަދި ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީވެސް ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުން ކަމަށެވެ. އެގޮތުން ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި މުޅި ދުނިޔޭގެ މަޤްބޫލުކަން ހޯދާފައި ވަނީ ވެސް މި އަސާސްގެ މަތީކަން ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ޢަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ތާރީޚާ ، ސަގާފަތާ ، އާސާރުތައް ދަމަހައްޓަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ތަންތަނުގެ ތެރޭގައި އުތީމުގަނޑުވަރުފަދަ މިއަދު ފެންނަންހުރީ މަދު އާސާރުތަކެއްކަން ފާހަގަކުރައްވައި ޚާއްޞަކޮށް ކަޅުވަކަރު މިސްކިތްފަދަ މާލޭގާ ހުރި ތާރީޚީ ބިނާތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ހިސާބެއްގާ ހުރި ، ތާރީޚީ އާސާރުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ވަކި ސިޔާސަތަކާ އެކު، ސަރުކާރުން ކުރަމުން އަންނަކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އިސްލާމް ދީނުގެ ، މަތިވެރި އަޤީދާގެ ނަމޫނާ ކުދިންނަށް ދައްކައިދީ، މިންތީގެ ހަމަހަމަކަމާއެކު، ގެވެށި އިންސާފު އެކުދިންނަށް ދަސްވާނެފަދައިން އަދި މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ، ގޮންޖެހުން ތަކަށް ވިސްނާ ދަރިންތަކެއްގެ ގޮތުން ދަރިން ތަރުބިއްޔަތުކޮށްދިނުމަކީ ދިވެހިކޮށްމެ ރައްޔިތަކުންވެސް ޤައުމަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު އެއްކަންތައްކަން ހަނދާންކޮށްދެއްވާފައެވެ.

މި ޖަލްސާގައިއުތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވައިފައިވެއެވެ.