English Edition
Dhivehi Edition
ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިޙު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް

ހދ. ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގައި އަލަށް ޢިމާރާތްކުރި އިންޖީނުގެއާއި، އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގައެވެ. އަދި، ފިނޭ މިގޮތަށް އަސާސީ ޚިދުމަތްތައް ޤާއިމް ކުރެވުގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

“ހަގީގަތުގައި ފިނޭ ބަދަލުވެގެން މިދިޔައީ އިންސާނުން ދިރިއުޅޭ ރަށަކަށް، ތަރައްގީގެ މަޝްރޫއުތައް ހަލުވިކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް،” ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފިނޭގައި އަސާސީ ޚިދުމަތްތައް ޤާއިމް ކުރެވުމާއި އެކު، ތަރައްޤީގެ އިތުރު ފުރުޞަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާއި އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ފުރުޞަތުތައް ހުޅުވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

” ފިނޭ އަކީ މިހާރު ދިރިއުޅެން ފައްކާވެފައި އޮތް ރަށެއް، ހަނިމާދޫ އެއާޕޯޓު މިއޮތީ 10 މިނެޓާއި 15 މިނެޓާ ހިސާބުގައި ދުއްވާލާފައި ދެވޭ ހިސާބުގައި، މި ރަށުގެ ތަރައްގީގެ ލޯކަލް ޓޫރިޒަމް ވެސް، ދަނޑުވެރިކަން ވެސް ފަށައިގެން ކުރިއަށް ގެންދަންވީ، ސަރުކާރުން މި ތިބީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ތައްޔާރަށް.” ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަޙައްމަލް ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ފިނޭގެ ތަރައްޤީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށާއި އަދި އެ މަޝްރޫޢަށް ސަރުކާރުން ޙާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.