English Edition
Dhivehi Edition

ޖަރުމަން ބުންޑަސް ލީގުގައި ރޭ އޯގްސްބާގް އަތުން ބަލިވެ، ލީގުތާވަލްގެ ހަތަރުވަނައަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް ވެއްޓިއްޖެއެވެ.

އޯގްސްބާގުގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗަށް ނިކުތްއިރު، ބަޔާން އަށް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. މިފަހަރުގެ ސީޒަނުގައި ބަޔާންއިން މިހާތަނަށާް ހޯދަމުން އައީ އާދައިގެ ދައް ނަތީޖާތަކަކަށް ވާއިރު، އެޓީމުން ރޭގެ ވި ބައްޔާއި އެކު ތާވަލްގެ ހަތަރުވަނާގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ.

ރޭ އޯގްސްބާގު އަދި ބަޔާން ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ބަޔާނަށްވެސް އަދި އިގްސްބާގަށް ވެސް ފުރުސަތު ވަނީ ލިބިފައެވެ.

މި މެޗުގައި އޯގްސްބާގުން ބަޔާން ކޮޅަށް ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފްގެ 59 ވަނަ މިނެޓުގައި ލަގޯގެ އެހީތެރިކަމާއި އެކު މެރްޖިމް ބެރިޝާއެވެ. އޮގްސްބާގުގެ މި ލަނޑަށް ފަހު ބަޔާންއިން ކުޅުން ވަރުގަދަ ކޮށް ނަތީޖާ އަނބުރާލެވޭތޯ މަސައްކަތް ކުރި ނަމަވެސް އޮގްސްބާގުގެ ޓީމުން ވަނީ އެޓީމުގެ މި މޮޅު ދިފާއުކޮށްފައެވެ.

ބަޔާންއަށް މޮޅުނުވެވުމުގެ ފައިދާއާއެކު ތާވަލްގެ އެއްވަނައަށް ޖެހިލީ ބޮރޫޝިޔާ ޑޯޓްމަންޑެވެ. އެއީ 1-0 ން ޝާލްކާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތީ ޕޮއިންޓެއްގެ ފަރަޤަކާއެކު ޔޫނިއަން ބާލިންއެވެ.