English Edition
Dhivehi Edition

ބަސް ރޫޓަށް އުނދަގޫވާގޮތަށް ޕާކުކޮށްފައިވާ 500 އަށް ވުރެ ގިނަ އުޅަނދުގައި ފުލުހުން ސްޓިކަރ ޖަހައިފިއެވެ.

ފުލުހުން ސްޓިކަރ ޖަހާފައި ވަނީ ބަސް ރޫޓަށް އުނދަގޫވާގޮތަށް ޕާކު ކުރާނަމަ އެ އުޅަނދެއް ނަގާނެ ކަމުގެ އިންޒާރުވެސްދިނުމަށް ފަހުއެވެ.

ރާއްޖެ ޓްރާސްޕޯޓް ލިންކު (އާރްޓީއެލް)ގެ ދަށުން ފޯރުކޮށްދެމުންދާ މިނީ ބަހުގެ ޚިދުމަތް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތް ހާމަކޮށް ފުލުހުން ބުނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް 538 ވައިލޭޝަން ސްޓިކަރ ޖަހާފައިވާ ކަމަށެވެ. އަދި 30 ސައިކަލަކާއި އެއް ކާރު ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިނީ ބަސް ދުއްވާ ރޫޓްގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށާއި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގައ ވައިލޭޝަން ސްޓިކަރ ޖަހަމުންދާނެ ކަމަށެވެ.

ބަސް ރޫޓަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަންޖެހޭ ހާލަތްތަކުގައި އުޅަނދުތައް ޓޯ ކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި މަސައްކަތަކީ މިނީ ބަސް ރޫޓްގައި ޕާކް ކުރުން މާނާކުރުމާ ގުޅިގެން އެކަން ތަންފިޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މިނީބަހުގެ ހިދުމަތާއެކު ބަސް ދުއްވާ ރޫޓުތަކުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިކަން ފެށުމަށް މާލޭގެ ބާރު ބޮޑު މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި ޕާކުކުރުން އޮތީ މަނާކޮށްފައެވެ. ރާއްޖެ ޓްރާސްޕޯޓް ލިންކު ގެ ދަށުން މި ޚިދުމަތް ދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެދުމަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހަތަރު މަގެއްގައި ޕާކުކުރުން މަނާކުރުމަށް ނިންމައިފައެވެ.

ޓެގު