English Edition
Dhivehi Edition
ޕްރިންސް ޗާލްސް

ރާނީ އެލިޒަބަތު އަވަހާރަވިކަން މިރޭ ބަކިންހަމް ޕެލަސް އިން އިޢުލާން ކުރެއްވުމާއެކު އިނގިރޭސި ވިލާތުގެ ތަޚުތަށް ކިންގް ޗާލްސް ވަޑައިގެންފިއެވެ. ރާނީ އެލިޒަބަތު އަވަހާރަވިކަން އިއުލާން ކުރެއްވިއިރު ޝާހީ އާއިލާއިން ޗާލްސްއަށް އިޝާރާތް ކުރެއްވީވެސް ރަސްގެފާނުގެ ގޮތުގައެވެ. ކިންގް ޗާލްސްގެ ފުރަތަމަ ބަޔާން ޝާހީ އާއިލާއިން މިހާރުވަނީ ޢާންމުކޮށްފައެވެ.

އެބަޔާނުގައި ލޮބުވެތި މަންމާފުޅުގެ އަވަހާރަވުމަކީ އެމަނިކުފާނާއި ޢާއިލާގެ ހުރިހާ މެންބަރުންނަށް ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށް ވިދާޅުވެފައިވެއެވެ.

” އެއީ ލޯބިވާ މަންމައެއް. ލޯބިވާ ވެރިއެއް. އެކަމަނާގެ ވަކިވެ ދިއުމަކީ މުޅި ޤައުމަށާއި ކޮމަންވެލްތުގެ އިތުރުން ދުނިޔޭގެ އެތައް ޤައުމަކަށް ލިބިގެންދާ އުނިކަމެއް ކަމަށް ޤަބޫލު ކުރަން. “

ކިންގް ޗާލްސް ގެ ސްޓޭޓްމެންޓްގައި އެމަނިކުފާނު ވަނީ ރާނީއަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ދެއްވާ އިޙުތިރާމާއި ލޯތްބަކީ އެމަނިކުފާނުގެ ޢާއިލާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހެވެއްކަމުގައި ވިދާޅުވެފައެވެ.

 

ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރިވެފައިވާކަން ބަކިންގްހަމް ޕެލަސް އިން މިރޭ ވަނީ އިޢުލާނުކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށެވެ.ރާނީ އެލިޒަބަތު އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެ ވަޑައިގަތީ 1952ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 6ވަނަ ދުވަހު އެ ކަމަނާގެ ބައްޕާފުޅު ޖޯޖް ހަތަރުވަނަ އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 25 އަހަރެވެ.

މިއަދު ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވި ކިންގް ޗާލްސްގެ އުމުރުފުޅަކީ 73 އަހަރެވެ. މިހާރު އިނގިރޭސިވިލާތުގެ އާ ވަލީޢަހުދަކީ ޗާލްސްގެ ދޮށީ ދަރިކަލުން، 40 އަހަރުގެ ވިލިއަމް އެވެ.