ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް، އޭސީޕީ މުހައްމަދު ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫގެ ޕޮލިސް ސްޓޭޝަނަށް ބަދަލު ކުރާ ގޮތަށް ނިންމައިފިއެވެ.
2016 ވަނަ އަހަރުގެ ތެރޭގައި އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަންކޮށްފައިވާއިރު އޭނާ އެ މަގާމުން ދުރުކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައި ކަމަށް މައުލޫމަތު ލިބެއެވެ.މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުންގެ އިދާރީ ބަދަލުތަކުގެ މައުލޫމާތު މީޑިއާއަށް ހާމަނުކުރެވެން ނެތް ކަމަށެވެ.
ޖަމްޝީދުއަށް އައްޑޫއަށް ބަދަލުކުރަން ނިންމާފައިވާއިރު މި ދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައި ފުލުހުންގެ ވަޒީފާއިން ފުލުހުންގެ އިސް ހަތަރު އޮފިސަރަކު ވަނީ ވަކިކޮށްފައެވެ.މިދިޔަ މަހު ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް އާއި ޗީފް ސުޕްރިޓެންޑަންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު އެވެ.