English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާ މޮޅުވެއްޖެއެވެ.

ރޭ ރެއާލް ބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 އިން ނެވެ. އަދި ރަށުންބޭރުގައި ސެވިއްޔާ އަތުން ބާސާ މޮޅުވީ 3-0 އިންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނިޓުގައި ލަނޑު ޖަހާ ލީޑު ނެގިއިރު، އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ. މިއީ ޑޭވިޑް އަލަބާގެ އެހީތެރިކަމާއި އެކު ވިނީޝިއުސް ޖެހި ގޯލެކެވެ.

އެކަމަކު، ބެޓިސް އިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ބެޓިސް އަށް ޖަހައިދިނީ ސާޖިއޯ ކަނާލެސްއެވެ. ރެއާލް މެޗުން މޮޅުވި ގޯލު ޖެހީ 65 ވަނަ މިނިޓުގައެވެ. މި ލަނޑު ރެއާލަށް ޖަހައިދިނީ ރޮޑްރީގޯ އެވެ. އޭނާ މި ލަނޑު ޖެހީ ފެޑެރީކޯ ވަލްވޭޑޭ ގެ އެހީތެރިކަމާއި އެކުގައެވެ.

ސެވިއްޔާ އާއި ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ލަނޑުޖަހާ ލީޑު ނެގީ މެޗުގެ 22 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލުންނެއެވެ. މެޗުގެ 36 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ޖޫލްސް ކޫންޑޭ ދިން ބޯޅައަކުންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި އެރިކް ގާސިއާ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ރޭގެ ހޯދި މޮޅާއި އެކު ރެއާލް އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތް ބެޓިސް އަށް ވަނީ ހަަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.