English Edition
Dhivehi Edition

އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފިއެވެ.

އޭސީ މިލާންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ މިލާނުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އިންޓަ މިލާނަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ މާސެލޯ ބްރޮޒޮވިޗްއެވެ. އޭގެ ހަތް މިނެޓު ފަހުން އޭސީ މިލާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފައެލް ލެއާއޯއެވެ.

އޭސީ މިލާނުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގީ ދެ ވަނަ ހާފުގައެވެ. 54 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލެއާއޯގެ އެހީތެރިކަމާއެކު އޮލިވިއޭ ޖިރޫޑްއެވެ. އޭގެ ހަ މިނެޓު ފަހުން އޭސީ މިލާނުން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ޖިރޫޑްގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ ލެއާއޯއެވެ. އިންޓަ މިލާންގެ ދެ ވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖެހީ ފަހު ހާފަށް ކުޅެން އެރި އެޑިން ޖެކޯއެވެ.

ރޭގެ މި މޮޅާއި އެކު އޭސީ މިލާން އޮތީ ލިބުނު 11 ޕޮއިންޓާއި އެކު ލީގުގެ ދެވަނާގައެވެ. ލީގުގެ އެއްވަނާގައި އޮތް ނަޕޮލީއަށް ވެސް 11 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.