English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށްދާ ސައުތުއޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ ހަރަކާތުގެ ތެރޭގައި ހިމެނޭ އައިލެންޑް ފެސްޓިވަލް ފަށައިފިއެވެ.

މިހަރަކާތް ކުރިއަށްގެންދަނީ މަރަދޫ ޕާކުގައެވެ. “އައްޑޫ އައިލެންޑް ފެސްޓިވަލް 2017” ގެ ނަމުގައި ކުރިއަށް ގެންދާ ފެސްޓިވަލަކީ އައްޑޫ ވިމެން ޑިވެލޮޕެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. މި ހަރަކާތް ފަށައިފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ނިމޭނީ ހަވީރު 3:30 ގައެވެ.

ޑަބްލިޔުޑީސީން ވިދާޅުވީ މި ފެސްޓިވަލަކީ ދިވެހި ސަގާފަތާއި، އައްޑޫ ސިޓީއަށް ޚާއްސަ މަސައްކަތްތައް ދައްކުވައި ދިނުމަށް ބާއްވާ ފެސްޓިވަލެއް ކަމަށެވެ. އޭގެ އިތުރަށް އައްޑޫސިޓީއަކީ ފަތުރުވެރި ކަމަށް އެންމެ ރަނގަޅު އެއް މަންޒިލް ކަމަށް ޓުއަގައިޑުންނާއި އޮޕަރޭޓަރުންނާއި، ރިސޯޓުތަކާއި އަދިވެސް އެފަދަ އެހެން ފަރާތްތަކަށް އަންގައިދިނުން މި ފެސްޓިވަލުގެ މަގުސަދުތެރޭގައި ހިމެނެއެވެ.

މި ފެސްޓިވަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތި ސްކޫލްކުދިންނާއި ބެލެނިވެރިންނަށްވެސް ވަނީ ހުޅުވާލައިފައެވެ.

ސަޓާއެވޯޑަކީ މިދިޔަ އަހަރު ދޭންފެށި އެވޯޑެކެވެ. މިދިޔަ އަހަރުގެ އިވެންޓް ބާއްވާފައިވަނީ ސްރީލަންކާގެ މައުންޓްލެވޭނީއާ ހޮޓަލުގައެވެ. ދެވަނަ އަހަރު ރާއްޖޭގެ އައްޑޫ ސިޓީގައި ބޭއްވުމަކީ މިސިޓީއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ބުންޏެވެ.