English Edition
Dhivehi Edition
ފޮޓޯ: އެފްއޭއެމް

ފުޓްބޯޅް އެސޯސިއޭޝަން އޮފް މޯލްޑިވްސް ނުވަތަ އެފްއޭއެމްގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ދެވަނަ ޑިވިސަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލުގައި ކުލަބް ޓީނޭޖު 0-4 ގެ ނަތީޖާއިން ބަލިކުރުމަށް ފަހުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުލަބު ބުރުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ބުރަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިރްޖާލޯލް ކަސީމޯވްއެވެ. މިއީ އޭރިއާ ރޮނގުކައިރިން ބުރުގެ ކެޕްޓަން، މުހައްމަދު ތަޝްމީން (ތައްތި) އަށް ކުރި ފައުލަކަށް ރެފްރީ، ސިނާން ދިން ޕެނަލްޓީ އެކެވެ. ބުރުން ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށެވެ. 42 ވަނަ މިނެޓުގައި ބުރަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ތައްތި އެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު ބުރުން މެޗުގެ ފުރަތަމަ ހާފުން ނިންމާލިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ބުރުން ތިން ވަަނަ ގޯލު ޖެހި އެވެ. މެޗުގެ 48 ވަަނަ މިނިޓްގައި މި ގޯލު ޖެހީ މިރްޖަލާލް އެވެ. ބުރުން ވަނީ މެޗުގެ 66 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ދެވަނަ ޑިވިސަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް އިން ހޯދިއިރު، ބުރުން މި މުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަންވެސް އެޓީމުން ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ޑުރިޗްއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ޓީނޭޖުގެ މުހައްމަދު ހަސަން އަބްދުލް ހާމިދްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރަނައަޕްކަން ހޯދި ކްލަބު ޓީނޭޖެވެ.