English Edition
Dhivehi Edition

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ކަށު ނަމާދު ފުވައްމުލައް ސިޓީގައި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ އިޝާ ނަމާދަށް ފަހު ކަށުނަމާދު ކުރާގޮތަށް ނިންމާ، އޭނާގެ ހަށިގަނޑު މިއަދުހަވީރު އެ ސިޓީއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އޭނާގެ ކަށުނަމާދު އެ ސިޓީގައި ބޭއްވުމަށް ނިންމީ ޢާއިލާގެ އެދުމުގެ މަތީންނެވެ. ކަށު ނަމާދު ކުރަނީ ފުވައްމުލަކު ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައެވެ.

ޝިއާގެ ހަށިގަނޑު އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސް، މިވަގުތު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.