English Edition
Dhivehi Edition

54ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން އެއްވަނަ ހޯދި އަޒްނީން ރަޝާދު، އޭނާގެ އުފަން ރަށް ގއ. ވިލިނގިއްޔަށް ދިޔުމުން އެރަށުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށި އަދި ކްރޮސްރޯޑްސްގައި ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ހޯދި ރަން މެޑަލާއެކު އަޒްނީން ވިލިގިއްޔަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިފަހަރުގެ މުބާރާތުން އަޒްނީން ރަން މެޑެލް ހޯދީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިންނެވެ. މިއީ އޭޝިއާގެ މައި ބޮޑީބިލްޑިން މުބާރާތުގެ ތާރީހުގައި ރާއްޖެއިން ހޯދި ދެވަނަ ރަން މެޑައްޔެވެ. އެންމެ ފުރަތަމަ ރަން މެޑަލް ރާއްޖެއިން ހޯދާފައިވަނީ 2017 ވަނަ އަހަރެވެ.

މިފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުން އަޒްނީން ރަން މެޑަލް ހޯދިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހޯދާފައެވެ.

އަޒްނީން ވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑައްޔާއި، އިންޑޮނީޝިއާގެ ބަތަމުގައި 2019 ވަނަ އަހަރު ބޭއްވި 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ހަތަރުވަނަ ހޯދާފައެވެ.