English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ “އަނުޕަމާ” ގެ ލީޑް ތަރި ރުޕާލީ ގަންގުލީ އަކީ ޓީވީ އިންޑަސްޓްރީގެ އެންމެ މަގުބޫލު އެކްޓްރެސް ކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. އުމުރުން 44 އަހަރުގެ ރުޕާލީ އަކީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ އަގުބޮޑު ތަރިއެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި ރުޕާލީ، އަނުޕަމާގެ ރޯލު ފެށީ ދުވާލަކަށް 1.5 ލައްކަ ރުޕީސް ލިބޭ ގޮތަށެވެ. އެހެންނަމަވެސް މި ޑްރާމާގެ މަގްބޫލުކަން އިތުރުވެ، އެންމެ ގިނަ މީހުން ބަލާ ޑްރާމާގެ ގޮތުގައި އަނުޕަމާ ވެގެން ދިޔައިރު ރުޕާލީ މިހާރު އެ ޑްރާމާ ކުޅެނީ ދުވާލަކަށް ތިން ލައްކަ ރުޕީސް ލިބޭ ގޮތަށެވެ.

ކުރިން ވެސް ބައެއް ޑްރާމާތަކާއި ފިލްްމުތަކުން އަދި އިޝްތިހާރުތަކުންވެސް ފެނިގެން ގޮސްފައިވާ ރުޕާލީ އަށްވެސް މިހާ ހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތާއި ގިނަ ގޮންޖެހުންތަކާއި އެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

‘ހިއުމަންސް އޮފް ބޮމްބޭ’ ގެ އޮފިޝަލް ޕޭޖުގައި ރުޕާލީގެ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ގެނެސްދީފައިވާއިރު، ފިލްމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތާއި ދިމާވި ގޮންޖެހުންތަކުގެ ވާހަކަ ރުޕާލީ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އޭނާގެ ޒުވާން ދުވަސްވަރާއި އޭނާގެ ބައްޕަގެ ދިރުއުޅުމުގައި ދިމާވި ގޮންޖެހުންތައްވެސް ރުޕާލީ ވަނީ ހިއްސާކޮށްފައެވެ.

” އަހަރެންގެ ބައްޕައަކީ ގައުމީ އެވޯޑް ލިބިފައިވާ ޑައިރެކްޓަރެއް. އެއީ އަހަރެންގެ ހީރޯ. ބައްޕަގެ ފިލްމުތަށް ރިލީޒްކުރާ ދުވަސްވަރު މީހުން އޭނާއަށް ތައުރީފުކޮށް ވާހަކަދައްކާ. ސްކޫލު ނިންމާފަ އަހަރެން ބައްޕަ މަސައްކަތްކުރާ ފިލްމު ސެޓުތަކަށް ދަން. ބައްޕަ ކުރާ މަސައްކަތްތައް ބަލަން. އެކަމުގެ ތެރޭގައި އެކްޓުކުރަން ފެށުނީ ކޮންއިރަކު ކަމެއް ހުދު އަހަންނަކަށްވެސް ނޭގޭ، ބައްޕަގެ ފިލްމުގައި މަސައްކަތްކުރި ތަރިއަކު އެ ފިލްމުން ވަކިވުމުން އަހަންނަށް އެ ފުރުސަތު ލިބިގެން ދިޔަ،” ރުޕާލީ ބުންޏެވެ.

އިތުރަށް ރުޕާލީ ބުނީ، އޭނާ ގެ ބައްޕަ ޑައިރެކްޓްކުރި ދެ ފިލްމު ޖެހިޖެހިގެން ފްލޮޕްވުމާއި އެކު އެމީހުންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެެ. “އެހާ ހިސާބުން އަހަރެމެންގެ ދަތި ދުވަސްތައް ފެށުނު. އަހަރެންގެ ހުވަފެންތައް ހުއްޓުނު. އަހަރެން ހުރިހާ މަސައްކަތްތަކެއްވެސް ކުރިން، ކޭޓާ ކުރުމާއި، ވެއިޓަރުކަންވެސް ކުރިން. ބައްޕަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާ ޕާޓީތަކުގައިވެސް ވެއިޓްރެސް ގޮތުގައި މަސައްކަތްކުރަންޖެހުނު. މި މަސައްކަތުގެ އިތުރުން އިޝްތިހާރުތައްވެސް ކުޅުނިން. އެ މަސައްކަތުގެ ތެރޭގައި ފިރިމީހާ އަޝްވިން އާއި ދިމާވީ” ރުޕާލީ ބުންޏެވެ.

އިތުރަށް ރުޕާލީ ބުނީ ޓީވީ ތަރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހިޔާލަކީ އަޝްވިން ދިން ހިޔާލެއްކަމަށެވެ. ޓީވީ ތަރިއެއްގެ ގޮތުގައި މަސައްކަތް ފެށިއިރުވެސް ބައްޕަ ގެ ހިޔާލާއި މަޝްވަރާ ހޯދިކަމަށް ރުޕާލީ ބުންޏެވެ. ” ބައްޕަ އަބަދުވެސް ބުނޭ. އަމިއްލައަށް ނުރޯށޭ. އޯޑިއަންސް ރޮއްވާލާށޭ” ރުޕާލީ ބުންޏެވެ. ރުޕާލީ ބުނީ އޭނާގެ ފުރަތަމަ ޓީވީ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމަށާއި މި ދާއިރާއިން ކުރިއަށް ދިއުމުގެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އާއި ބައްޕަކަމަށެވެ.