ހެޕަޓައިޓިސް އޭ ޖައްސާ ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި މިކްސްޑް ބެރީޒް ރާއްޖެއިން ފެނިގެން އެ ނަގަންފަށައިފިއެވެ.
މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީ އިން ވިދާޅުވީ އެތަކެތި ރާއްޖެއިން ފެނިގެން ފިހާރަތަކުން ނަގަން ފަށައިފައިވަނީ އިއްޔެ ކަމަށެވެ. މި ޖަރާސީމު ފެނިފައިވަނީ ކްރިއޭޓިވް ގޯމޭ މަރުކާގެ ގަނޑުކުރި މިކްސްޑް ބެރީޒްގެ 300 ގްރާމުގެ ޕެކެޓުންނެވެ. އޭގެ މުއްދަތު ހަމަވާ ތާރީޚަކީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހު 15 އަށެވެ.
“އެ ޕެކެޓަކީ ހެޕަޓައިޓިސް އޭ ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތްކަން ބަލައި އޮސްޓްރޭލިއާ ނިއުޒީލޭންޑުގެ ކާބޯތަކެތީގެ ހަރަކާތްތެރި ކަމާބެހޭ އޮތޯރިޓީން އެތަކެތި އަނބުރައި ނެގުމަށް އަންގައިފައިވާ އުފެއްދުމެކެވެ.” މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވިއެވެ.
އެތަނުން ވިދާޅުވީ މިބެޗުގެ ގަނޑުކުރި މިކްސްޑް ބެރީޒްގެ އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. އެތަކެތި ބޭނުން ނުކުރަމަށްވެސް އެ އޮތޯރިޓީންވަނީ އިލްތިމާސް ކުރައްވައިފިއެވެ. “ތަޣައްޔަރުވެފައިވާ މިއުފެއްދުން ވިއްކަންހުރިކަން ފާހަގަ ކުރެއްވިއްޖެނަމަ” އެ އޮތޯރިޓީއަށް އަންގުމަށްވެސް ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ އެ ބޭނުންކޮށްގެން ރާއްޖެއިން އެއްވެސް މީހަކު ހެޕަޓައިޓިސް އޭ އަށް ޕޮޒިޓިވް ވެފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.