އައްޑޫސިޓީގެ ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ސްޓޯރީ ތައްޔާރުކުރުމަށް ތަމްރީނުދިނުމުގެ ސެޝަންތަކެއް ފަށައިފިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިންތިޒާމު ކޮށްގެން މިއަދު އައްޑޫހައިސްކޫލްގައި ފެށި މި ތަމްރީން ޕްރޮގްރާމުގައި އައްޑޫގެ 8 ސްކޫލަކުން މުދައްރިސުން ވަނީ ބައިވެރިވެފައެވެ.
މިއީ ސްކޫލްތަކުގައި ޒަމާނީ ފެންވަރަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި މުދައްރިސުން ތައްޔާރުކުރާ ތަފާތު އެކިކަހަލަ ޓީޗިންއެއިޑްސް ތައް ޑިޖިޓަލް ކޮށް ތައްޔާރުކުރުމުގައި ބޭނުންވާނެ ފަންނީ އެހީތެރިކަން ފޯރުކޮށްދީ މުދައްރިސުން އެކަމަށް އަހުލުވެރި ކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ކަމުގައި އެންއައިއީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ، އައިޝަތު ޝިބާނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ ޔުނިސެފްގެ އެހީތެރިކަމާއެކު ހައިސްކޫލްގައި ތައްޔާރުކޮއްފައިވާ މިނިސްޓޫޑިއޯ ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މުދައްރިސުންނަށް ތަމްރީނުދީ ވަސީލަތްތަކުގެ ބޭނުންކޮއްގެން ކިޔަވައިދިނުން އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވެސް މި ފަދަ ތަމްރީނު ޕްރޮގްރާމެއްގެ އެއް މަގްޞަދުކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ވީޑިއޯ ހެދުމުގައި ސްކްރިޕްޓް ލިޔުމާއި ސްޓޯރީބޯޑު ތައްޔާރުކުރުމާއި ވީޑިއޯ ކުރާނެ ގޮތްތަކާއި އަދި ވީޑިއޯ އެޑިޓިން ދަސްކޮށްދޭ ގޮތައް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ފެސިލިޓޭޓް ކޮއްދެއްވަނީ އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދާއި އައްޑޫހައިސްކޫލްގެ އައިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.