English Edition
Dhivehi Edition

ނަވާރަ އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމާއި އައްޑޫ ސިޓީން ހޮވައިލެވުނު 19 އަހަރުން ދަށުގެ ޓީމް މިއަދު ކުޅުނު މެޗު 1-0 އިން ގައުމީޓީމް ކާމިޔާބު ކޮށްފިއެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން މޮޅަށް ކުޅެ ގިނައިރު ބޯޅަ ގެންގުޅެފައިވަނީ އައްޑޫ ޓީމުންނެވެ. އެފްއޭއެމް ޔޫތު ޓީމުގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތި) ބުނީ މެޗުގެ ފުރަތަމަ 45 މިނިޓުގައި ގައުމީ ޓީމަށް ޖެހުނީ އައްޑޫ ޓީމުގެ ފަހަތުން ދުވަން ކަމަށެވެ.

“މެޗުގެ ފުރަތަމަ ސާޅީސް ފަސްމިނިޓުގައި އަޅުގަނޑުމެންނަށް ޖެހުނީ އައްޑޫ ޓީމުގެ ފަހަތުން ދުވަން އެއީ މި މެޗުގެ ތަފާތަކީ. އެ ޓީމުގައި އެތިބީ ހުނަރުވެރި މޮޅު ކުޅުންތެރިން. މި މެޗުންވެސް އެނގިއްޖެ އަތޮޅު ތަކުގައިކަން ހުނަވެރި ކުޅުންތެރިންތިބީ،” ސާންތި ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުން ފާހަގަ ކުރެވުނު މޮޅެތި ކުޅުންތެރިން ގައުމީޓީމަށް ގެނުމަށް މިހާރުން ފެށިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް އެފްއޭއެމްގެ ރައީސަށް ދަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކުޅުންތެރިން ޓީމަށް ނަގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އެކުދިން ނުނަގައިފި ކަމަށްވާނަމަ އަނެއްކާވެސް އަޅުގަނޑު ކުލަބަކުން ފެންނާނީ. އެފްއޭމަށް އައިސް މިހުރީ ކުޅުންތެރިން އުފައްދަން. އެފްއޭއެމްގެ މިހާރުގެ މެނޭޖުމެންޓުން އެކަން އެބަކުރައްވާ،” ސާންތީ ބުންޏެވެ.

މިއަދު ފެނުނު ކުޅުންތެރިން މާލެގެންގޮސް ރަނގަޅު ތަމްރީންތަކެއްދީ ގިނަ މެޗުތައް ކުޅުވުމުން އެކުދިން ވަރަށްބޮޑަށް ތަފާތުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަދުގެ މެޗުގައި އަޑޫސީޓީއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރާއި، 6 ނަމްބަރާއި، 14 އަދި 17 ނަމްނަރު ޖާޒީގައި ކުޅުނު ކުޅުންތެރިންގެ ހުނަރުވެރިކަން ސާންތީ ވަނީ ފާހަގަކޮށްފައެވެ. މާލެއިން ޓީމެއް ހޮވިޔަސް އެންމެ ހުނަރުވެރި މޮޅުކުޅުންތެރިން ތިބީ އަތޮޅުތަކުގައި ކަމަށް އޭނާ ބުންޏެވެ.

އަދުގެ މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ފަހުހާފުގައި ގައުމީޓީމުންވަނީ ކުޅުން ރަނގަޅުކޮށް އައްޑޫސިޓީ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ލަނޑުޖަހާނެ ގިނަ ފުރުސަތުވެސް ތަނަވަސްކުރިއެވެ. ގައުމީޓީމުގެ ހަމަލާތައް މައިތިރި ކުރުމުގައި އައްޑޫ ޓީމުގެ ގޯލް ކީޕަރު ވަނީ އިސްދައުރެއް އަދާކޮށްފައެވެ. މެޗުގެ ހަމައެކަނި ލަނޑު ގައުމީ ޓީމުން ޖަހައިފައިވަނީ ފަހުހާފުގައެވެ.