ދެކުނުގެ މަސްވެރިން އަތުން މަސްގަތުން މިފްކޯ އިން އަނެއްކާވެސް ކޮންޓްރޯލުކޮށްފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނީ މަސް ގަނޑުކުރަން ވަގުތު ބޭނުންވުމާއި އިތުރު ބައެއް މައްސަލަތައް ކުރިމަތިވާތީ މާދަމާއިން ފެށިގެން ދޯންޏަކުން ވެސް ކިރާނީ 7 ޓަނުގެ މަސް ކަމަށެވެ. އެ ކުންފުނިން ބުނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެފައިވާ މިދުވަސްވަރު ކުންފުނީގެ ގާބިލުކަން ހުރި މިންވަރަށްވުރެ އިތުރަށް މިހާރު ވެސް މަސް ގަންނަ ކަމަށެވެ.
“ދެކުނަށް މިހާރު މަސް ބާނާ މިންވަރު ވަނީ އެއްވަރެއްގަ ހިފަހެއްޓިފަ. އެހެންވެ ކޮންމެ ދޯންޏަކުން ވެސް 7 ޓަނުގެ މަސް ކިރުމުން މިކުންފުނީގެ ގާބިލުކަން ހުރި މިންވަރަށް މެނޭޖުކުރެވޭނެ.” މިފްކޯއިން ބުނެއެވެ.
މިފްކޯ އިން މިގޮތަށް ނިންމާފައިމިވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ދޯނިފަހަރުން ގެންނަ މަސް ކިރުން ކޮންޓްރޯލުކޮށްފައި އޮތުމަށްފަހު، އެ ކޮންޓްރޯލު ދޫކޮށްލިތާ މަދުދުވަސްކޮޅަކަށްފަހުއެވެ.
މިފްކޯ އިން މަސް ގަންނަ އަދަދު 5 ޓަނަށް ކޮންޓްރޯލު ކުރުމުން މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި މަސްވެރިންގެ އަޑު އެއްސެވުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ހުވަދު އަތޮޅަށް ގިނައިން މަސްބާނާ ދުވަސްކޮޅަކަށް ވުމާއެކު ކުރިން މަސް ކިރަމުން އައި 5 ޓަނު ބަދަލުކުރުމަށް މަސްވެރިންނާ މިފްކޯ ވާހަކަދައްކައިގެން ވަނީ ނިންމާފައެވެ.
މިނިސްޓަރ އޭރު ވިދާޅުވެފައިވަނީ މަސް ކިރުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.