English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވަރުގަދަ ބަޔާން މިއުނިކް ކަޓުވާލުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިންގެ ވިޔަރެއާލް ދަތުރު ކޮށްފި އެވެ.

މި ދެޓީމު ބައްދަލުކުރި ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ވިޔަރެއާލް ވަނީ 1-0 އިން ބަޔާން ބަލިކޮށްފަ އެވެ. އަދި ރޭ ބަޔާން ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ވަނީ 1-1 އިން އެއްވަރު ވެފައެވެ. އެހެން ކަމުން އެގްރިގޭޓު ނަތީޖާއިން ކުރި ލިބުނީ ވިޔަރެއާލަށެވެ. ވިޔަރެއާލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ 1-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ގެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ހާފުގެ ވަރަށް ކުރީ ކޮޅު ބަޔާންއިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިއެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި ބަޔާން އިން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާގެ އެހީތެރިކަމާއި އެކު ރޮބަޓް ލެވަންޑޯސްކީ އެވެ.

ވިޔަރެއާލުން މި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ވަރަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. މެޗުގެ 88 މިނެޓުގައި ވިޔަރެއާލަށް ނަތީޖާ ހަމަހަމޮށްދިން މި ލަނޑު ޖަހައިދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެމިއުލް ޗުކުވޭޒީ އެވެ. އޭނާ މި ލަނޑު ޖެހީ ޖެރާޑް މޮރޭނޯ ތަނަވަސް ކޮށްދިން ހުސް ފުރުސަތަކުންނެވެ.

ރޭގެ މޮޅާއި އެކު ވިޔަރެއާލް މުބާރާތުގެ ސެމީއަށް ދިޔައިރު، އެތީމު ސެމީގައި ކުޅޭނެ ޓީމެއް އެނގިގެން ދާނީ މިރޭ ލިވަޕޫލް އަދި ބެންފީކާ ބައްދަލުކުރާ މެޗަށް ފަހުގައެވެ. ވިޔަރެއާލް ސެމީގައި ބައްދަލުކުރަން ޖެހޭނީ މި މެޗުން މޮޅުވާ ޓީމަކާއެވެ.