English Edition
Dhivehi Edition

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މި އަހަރުގެ ރަމަޟާން މަހު ޚިދުމަތް ފޯރުކޮށްދޭނެ ގަޑި އާންމުކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސަރވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މިހާރެކޭވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މި ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެއްކަމުގައި މީރާއިން ފާހަގަކުރެއެވެ.