English Edition
Dhivehi Edition

ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާޅެ ސާފުކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި “ރޯދަ ސާފު” ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ ޒަމާނުއްސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރާއި ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ރީތި އާދައެއް ކަމަށެވެ.

އެ އާދަ މިހާރު ނެތެމުންދިޔަނަމަވެސް، އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި މުޖުތަމައުގައި އެ ޘަގާފަތް ދެމެހެއްޓުމަށްޓަކައި އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރޯދަ ސާފް” ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“އެހަރަކާތައް ހުރިހާ މުއައްސަސާއަކުން ވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް މުހިއްމު އަދި އެދެވޭ ކަމެއް. އެ ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް. އެހެންނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް.” ޝަރީފް ވިދާޅުވިއެވެ.

ކޮންމެ މީހަކީވެސް ފަރުދީ ހައިޘިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއްކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބޭފުޅުން ވެސް ފަރުދީ ހައިޘިއްޔަތަކުން އެ ޒިންމާ ނަންގައިވައިގެން ނޫން ގޮތަކަށް އަޅުގަނޑުމެން އުޅޭ ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށެވެ.

” އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި ހުރިހާ ފަރާތްތަކުންވެސް އަޒުން ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގްރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކުން ޚާއްސަކޮށް، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާއި އެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ.

އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައިވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާ، ޝަރީފް ވިދާޅުވީ އެޗްޑީސީން އިންތިޒާމްކޮށްގެން މި ބާއްވާ ހަރަކާތުގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވީތީ އެ ހުރިހާ ފަރާތްތަކަށްވެސް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި މި ހަރަކާތަކީ ރައްޔިތުންނަށް ފައިދާހުރި، ޚާއްސަކޮށް ހުޅުމާލޭގެ ރައްޔިތުންނަށް ފައިދާހުރި ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.