English Edition
Dhivehi Edition

ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލްގެ އެއް ވަނާގައި ހަތް ޕޮއިންޓުގެ ލީޑެއް ބަޔާން މިޔުނިކުން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މިއުނިކް މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެން ވެސް ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބަޔާންއިން ލީޑު ނެގިއިރު،މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެނާންޑޭސްގެ އެހީތެރިކަމާއި އެކު ކިންގްސްލީ ކޯމަންއެވެ. އޭގެ ހަތް މިނެޓު ފަހުން ބަަޔާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ ކިމިޗްގެ އެހީތެރިކަމާއި އެކު ޓަންގީ ނިއަންޒޫއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެންލަޓީ އަކުން ބަޔާންގެ ތިން ވަނަ ލަނޑު ޖެހިއިރު، މި ލަނޑު ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ބަޔާންއިން ނިންމާލިއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ބަޔާނަށް އަށް ކާމިޔާބު ކޮށްދީފައެވެ. މިއީ މިފަހަރުގެ ސީޒަނުގައި ލެވަންޑޯސްކީ ބަޔާންއަށް ކާމިޔާބު ކޮށްދިން 31 ވަނަ ލަނޑެވެ.

ރޭގެ ނަތީޖާ އަށް ފަހު ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާން އެއްވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ.