English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ އެމްޕޮލީ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޭސީ މިލާނުން ތާވަލްގެ އެއް ވަނައިގައި ހަމަ ޖެހިލައިފިއެވެ.

ރޭ އެމްޕޮލީއާއި ދެކޮޅަށް ކުޅުނު މެޗުން މިލާން މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނު މިލާނުން ވަނީ އެމްޕޮލީގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިލާނުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 19 ވަނަ މިނިޓްގަ އެވެ. މި ލަނޑު މިލާނަށް ކާމިޔާބު ކޮށްދިނީ ޕިއޭރޭ ކަލޫލޫއެވެ. މި ލަނޑަށް ފަހުވެސް މިލާނަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ޖިރޫޑް ފޮނުވާލި މި ހަމަލާ އެމްޕޮލީގެ ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ މިލާނުން ތާވަލްގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑަކާއި އެކު ހަމަޖެހިލި އިރު، އެޓީމު އެއްވަނާގައޮ އޮތީ ކުޅުނު 29 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ލީގުގެ ދެވަނާގައި އޮތް އިންޓަ އަށް ލިބިފައިވަނީ ކުޅުނު 27 މެޗުން 58 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ ކުޅުނު 28 މެޗުން 57 ޕޮއިންޓެވެ.

ރޭ ޔުވެންޓަސް ވެސް ވަނީ ރަށުން ބޭރުގައި ސަމްޕްޑޯރިއާއާއި ދެކޮޅަށް ކުޅުނު މެޗުން 1-3 އިން މޮޅުވެފައެވެ. މި މެޗުގައި މޮރާޓާ ވަނީ ދެ ލަނޑު ޖަހާފައެވެ. ޔުވެންޓަސްގެ އަނެއް ލަނޑަކީ ސަމްޕްޑޯރިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ސަމްޕްޑޯރިއާގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އަބްދުލްހަމީދު ސަބީރީއެވެ. ރޭގެ މި މޮޅާއި އެކު ޔުވެންޓަސް ވަނީ ބަލިނުވެ 15 މެޗު ހަމަކޮށްފައެވެ. މި މޮޅާއި އެކު ޔުވެންޓަސް ހަތަރު ވަނާގައި އޮތްއިރު، އެޓީމު ހަތަރު ވަނާގައި އޮތީ ކުޅުނު 29 މެޗުން 56 ޕޮއިންޓު ލިބިގެންނެވެ.