English Edition
Dhivehi Edition

ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އުމުރަށް ޖަލަށްލުމުގެ އިތުރުން 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށް ވެސް އެ ދެ މީހުންނަށް އިއްވި ޙުކުމުގައިވެއެވެ. އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

މި 6 މީހުންގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ހައިޝަމް އާއި ޒިހާންގެ މައްޗަށް އެކަންޏެވެ. ހައިޝަމް އާއި ޒިހާންގެ މައްޗަށް ޔާމީން ރަޝީދު މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކޯޓުން ވަނީ މިކަމުގެ ވާރިސުން އަމަލުކުރަން ބޭނުންވާ ގޮތް ބަލާފައެވެ. ޔާމީން ރަޝީދުގެ މަންމަ ފިޔަވައި އޭނާގެ ހުރިހާ ވާރިސުން ބޭނުންވީ މަރަށް މަރުހިފާށެވެ. ނަމަވެސް ޔާމީންގެ މަންމަ ބޭނުންވީ މަރަށް މަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގާށެވެ. ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަކީލާ ބުނީ އިންސާނަކަށްވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްކަމަށް ޔާމީން ދެކުނު ކަމަށެވެ. އަދި ގިސާސް ހިފާން ބޭނުންނުވާކަމަށް ޔާމީންގެ މަންމަ ކޯޓުގައި ބުންޏެވެ.

މަރަށް މަރު ހިފުމަށް އެންމެ ވާރިސަކު އިންކާރު ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެއް ނުވެއެވެ.

ޔާމީންގެ މަންމަ މަރަށް މަރު ހިފަން ބޭނުންނުވުމުން ކުށް ސާބިތުވި ހައިޝަމްއާއި ޒީހާންގެ މައްޗަށް ވަނީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމާއެކު އުމުރަށް ޖަލަށްލުމުގެ ހުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން ރޭ އިއްވި ޙުކުމުގައި ވަނީ އެ ދެ މީހުން މިހާރު ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، 20 އަހަރާއި ތިން މަހާއި 19 ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފައެވެ.

ގިޞާސްގެ ބަދަލުގައި މަރުގެ ދިޔަ ނަގައިދިނުމަށް ޔާމިންގެ މަންމަ އެދިފައިވާތީ ކޯޓުން ވަނީ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދިނުމަށްވެސް ޙުކުމް ކޮށްފައެވެ.

މަރުގެ ދިޔައިގެ ގޮތުގައި ދެ މީހުން އެކުވެގެން ދައްކަން ޖެހޭނީ 1.3 މިލިއަން ރުފިޔާއެވެ. އެ ފައިސާ ވާރިސުންގެ މެދުގައި ހަމައަށް ބަހާލާނެއެވެ.