English Edition
Dhivehi Edition

އަހަރެމެން ހަމަ ކޮންމެ މީހަކީވެސް ކޮންމެވެސް ކަހަލަ މޮޅު ހުނަރަކާއި ގާބިލްކަމެއް ލިބިގެންވާ އިންސާނުންކަން ޔަގީނެވެ. ގިނަ މީހުންނަށް އެމީހުންގެ ކިބައިގައިވާ ހުނަރު ދަނެގަންނަން މަސައްކަތް ނުކުރެވެނީއެވެ. ނުވަތަ ކުރެވޭ މަސައްކަތެއް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކެއްގެ ސަބަބުން އެކަމެއް ކަފުންކޮށްލައި އެހާހިސާބުން އަތްދޮވެލަނީއެވެ. ނަމަވެސް ކާމިޔާބު އިންސާާނުންނަކީ ސާބިތުކަމާއެކު ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައިގެން އެކަންތައްތަކުން އަރައިގަނެ ހިންދެމިލާ މީހުންނެވެ. މިފަދަ މީހުން އަހަރެމެންގެ ތެރެގައި މަދުން ނަމަވެސް ފެންނަކަމީ ދިވެހިން އެބަޔަކަށްޓަކައި ފަޚުރުވެރިވާނެ ފަދަ ހިތްވަރުގަދަ ދަރިންނެވެ.

އައްޑޫސިޓީގެ ހިތަދޫ އަށް އުފަން އަޙްމަދު ޙުސައިން އަކީ މިފަދަ ހިތްވަރުގަދަ ގާބިލް ޒުވާނެކެވެ. އައްޑޫގެ ގިނަ ބަޔަކަށް މަޝްހޫރު، ސަދަންސެކަންޑްރީ ސްކޫލުގެ އެންމެ ފުރަތަމަ ބެސްޓްއޯލްރައުންޑް ދަރިވަރު އަދި ސްކޫލް ކެޕްޓަން ކަމުގެ މަގާމު އަދާކުރި އަހްމަދު ޙުސައިން އަކީ ހަމަ މިހާރުވެސް ކެޕްޓަނެކެވެ. ހިތްވަރުގަދަ ޒުވާނެކެވެ. އަޒުމް ވަރުގަދަ މޮޅު ސިކުނޑިއެއްގެ ވެރިއެކެވެ. އަޙްމަދުގެ މުޅިން އަމިއްލަ އުފެއްދުން “މޯލްޑިޕްލޭ” އަކީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތާއި ގިނަ ގުނަ ގޮންޖެހުން ތަކަކަށް ފަހު ހިތްވަރާއެކު ކުރި މަސައްކަތުގެ ނަތީޖާއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކޮށްދިނުމުގެ މަގުޞަދުގައި އަޙްމަދު ތައްޔާރުކުރި މި “މޯލްޑިޕްލޭ” ގޭމު މިއޮތީ މިއަދު ވުޖޫދަށް އަންނަން ތައްޔާރުވެފައެވެ.

ޓޫރިޒަމްދާއިރާއިން މާސްޓާސް ހަދަމުން އަންނަ އަޙްމަދުގެ މޯލްޑިޕްލޭ ގޭމަކީ ޓޫރިޒަމް ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ސިކުނޑީގައި އުފެދުނު ޚިޔާލަކަށް ގެނައި ހަގީގީ ސިފައެކެވެ.

“ޓޫރިޒަމް އާއި ސަނީ ސައިޑް އޮފް ލައިފް އާއި ބެހޭ ގޮތުން އަހަރެން ލިޔަންފެށީ، ސަނީ ސައިޑު އޮފްލައިފް ގެ މާނަ އަކީ ކޮބައިކަން ބުނެދިނުމަށް. އަހަންނަށް ގަބޫލުކުރެވުނުގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައިމިވަނީ މުހިއްމު 5 ކަމެއްގެ މައްޗަށް. އެއީ ” 5 އެސް ޕިލާސް އޮފް މޯލްޑިވްސް ޓްއަރިޒަމް” ލިންކެޑިންގައި އަހަރެން ފެށި މި މަސައްކަތް ފަހުން އަހަރެން ކުރަމުން ގެންދިޔައީ އަހަރެންގެ އަމިއްލަ ޓުއަރިޒަމް ބްލޮގް ، އައިޑްލިކްމޯލްޑިވްސް .ކޮމް ގައި. މީގައި މި 5 އެސް ވަރަށް ރަނގަޅަށް ކިޔައިދެވޭތޯ މަސައްކަތް ކޮށްފައި އަހަރެންވާނެ” އޭއޯނިއުސް އަށް ދިން އިންޓަވިއުގައި އަޙްމަދު ކިޔައިދިނެވެ.

“އައިޑްލިކްމޯލްޑިވްސް.ކޮމް ލިޔުންތައް މުޅިން ބިނާކޮށްފަ ހުންނަނީ ރާއްޖެއަކީ ދުނިޔޭގައިވާ އެންމެ ރީތި ތަނުގެ ގޮތުގައި ސިފަކުރުމަށް. ސަނީ ސައިޑް އޮފް ލައިފް ކިޔާދީނިމޭއިރު ރާއްޖެއަކީ އެންމެ ރީތި ތަންކަން ކިޔުންތެރިންނަށް ވިސްނާދިނުމަށް މަސައްކަތް ކޮށްފައިވާނެ. ރާއްޖޭގެ ޓޫރިޒަމް ކާމިޔާބު ދެމެހެއްޓެނިވި ސިނާއަތަކަށް ވަނީ 5 އެސްގެ ސަބަބުން ކަމަށް އަހަރެން ގަބޫލުކުރަން”

މިގޮތުންމި 5 އެސް އަކީ ސަން، ސްކައި، ސީ، ސޭންޑް އަދި ސްމައިލް ކަމަށާއި ސަން ރަމްޒުކޮށްދެނީ އެންމެ ހެޔޮވަރުވަރަށް އިރުގެ އަލިލިބުން، ސްކައި ރަމްޒުކޮށްދެނީ ސާފުވަޔާއި ހިތްގައިމު މާހައުލު ކަމަށާއި ސީ ރަމްޒުކޮށްދެނީ ކަނޑުއަޑީގެ ރީތިކަން އަދި ސޭންޑް ރަމްޒުކޮށްދެނީ ހިތްގައިމު ހުދު ދޮންވެލިގަނޑާއި އެތަނުގައި ހޭދަކޮށްލެވޭ ލޯބިވެތިވަގުތުތަކަށް ކަމުގެ އިތުރުން ސްމައިލް ރަމްޒުކޮށްދެނީ ދިވެހިންގެ އެކުވެރިކަމާއި ދިވެހިންގެ ސަގާފަތަށް ކަން އަޙްމަދު ވަނީ ބުނެދީފައެވެ.

“މީގެ އިތުރުން މި5 ކަންތައް ސިފަކޮށްދޭނެ 5 ކުލައެއް ތަޢާރަފް ކުރިން. މިކުލަތައް ނިންމީ ހިސާބު އީކްއޭޝަނެއްގެ މައްޗަށް ބިނާކޮށް ރަތާއި ފެހި އަދި ނޫކުލައިގެ މިންވަރު ބަދަލުކޮށްގެންނެވެެ. އެއީ މޯލްޑިވް އޮރެންޖް، މޯލްޑިވްސް ސްކައި ބްލޫ، މޯލްޑިވް ލެގޫން/ލައިމްގްރީން އަދި މޯލްޑިވް ގްރީން ގެ އިތުރުން ހުދު ކުލަ. މިކުލަތަކުގެ ކޮމްބިނޭޝަން މީގެ ކުރިން އެއްވެސް ބަޔަކު ނަންދީފަ ނޫނީ ބޭނުުންކޮށްފައިވާހެނެއް ހީއެއްނުވޭ، އަދި ގޫގުލްއިންވެސް ނުފެންނާނެ. ފަހަރެއްގައި މި ކޮމްބިނޭޝަންސް އަދި އެއްވެސް މީހަކު ބޭނުންނުކުރޭ” އަޙްމަދު ކިޔައިދިނެވެ.

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވިސްނަމުން ދިޔަ ދުވަސްވަރެއްގައި އެއްރެއަކު އަޙްމަދަށް ހޭލެވުނީ ޓޫރިޒަމް ޕްރޮމޯޓު ކުރާނެ ތަފާތުު ޚިޔާލެއް ވިސްނިގެންނެވެ. އެއީ މި 5 ކުލަ ބޭނުންކޮށްގެން ގޭމެއް ތައްޔާރުކުރުމުގެ ޚިޔާލެވެ. މޯލްޑިޕްލޭ އުފެދުނު ގޮތުގެ އަސްލަކީ މިއީއެވެ.

” 5 ސައިޑް ހިމެނޭ ބޯޑެއް ތައްޔާާރުކުރީ. މިއަށް ދިން ނަމަކީ “މޯލްޑިވްއެކްސް” . އަދި އެއާއެކު ޕެންޓަގަންގެ ސިފަ މެދުގައި ހުންނަ ގޮތަށް ކާޑު ސެޓެއްވެސް ތައްޔާރުކުރީ ” އަޙްމަދުގެ މަސައްކަތް ފެށިގެން ދިޔަގޮތް އޭނާ ބުނެދިނެވެ.

މި މަސައްކަތް ކާމިޔާބު ކުރުމުގެ ގޮތުން އަޙްމަދު ވަނީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މި ނަމާއިއެކު ކުރެހުން ރަޖިސްޓްރީކޮށްފައެވެ. އަދިި ޕްރިންޓްކުުރުމުގެ ކުރިންް އިތުރު މީހެއްގެ ޚިޔާލު ހޯދާލުމަށް ޑރ ހަސަން ހަމީދާއި ޚިޔާކު ބަދަލުކުރިކަމަށާއި އެޚިޔާލާއެކު މުޅި ގޭމްބަދަލު ކުރީކަމަށް އަޙްމަދު ބުންޏެވެ.

” ހަސަން ހަމީދު ވިދާޅުވީ މޮނޮޕޮލީ ހުންނަ ގޮތަށް ހަތަރެސްކަން ބައްޓަމަށް ތައްޔާރުކުރުމަށް އަދި އޭގެ ނަމަށް މޮނޮ ނުވަތަ ޕޮލީ އިތުރުކުރުމަށް . އަހަރެން އޭގެ ސިފަ ހަތަރެސްކަނަށް ބަދަލުކޮށް “އައިލެންޑްޕޮލީ” ގެ ނަން ދިނިން އަދި ފަހުން މޯލްޑިޕޮލީ އަށް ބަދަލުކޮށް ކޮޕީރައިޓް ރަޖިސްޓާރ ކުރީ”

ގޭމް ފަރުމާކޮށް ޕްރިންޓް ކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީގެ އެންޑޯޒްމެންޓް ހޯދަން ކުރި މަސައްކަތާއި ރިސޯޓުތަކުން ސްޕޮންސަރ ހޯދުމަށް ކުރިމަސައްކަތުގައި އަޙްމަދަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. ހުރިހާ ފަރާތްތަކުން އޭނާގެ މަސައްކަތަށް ތަޢުރީފު ކުރިއެވެ. މޮޅުކަމުގެ ވާހަކަދެއްކިއެވެ. އަދިޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ ޓީމާ ބައްދަލުން ހަމަޖައްސައިދިނެވެ.

” އަހަރެންގެ މަސައްކަތް ހިފައިގެން ރިސޯޓްތައް ހިންގާ ކުންފުނިތަކާ ބައްދަލުކުރިން. އެންމެން އަހަރެންގެ މަސައްކަތަށް ތައުރީފުކުރި އަދި އަހަރެންގެ އުފެއްދުންތެރި ޚިޔާލަށް މަރުހަބާ ކިއި. އެމްއެމްޕީއާރުސީގެ އެމްޑީ ހާރިސް ވަރަށް އަގުހުރި ޚިޔާލުތައް ދެއްވެވި. މި ގޭމުގައި ބޭނުންކުރުމަށް އަހަރެން ކުރިން ތައްޔާރުކުރި ޑޮލާރ ގެ ބަދަލުގައި ރުފިޔާ ނޫޓް ތައްޔާރުކުރުމަށް ޚިޔާލު ދެއްވެވީ ހާރިސް. އަދި ދިވެހިރުފިޔާ ރަމްޒުކޮށްދޭ ސިމްބަލްއެއް ހެދުމަށް އިރުޝާދު ދެއްވި. އަދި އެމް އެމް ޕި އާރ ސީ އެކު ޕްރޮޖެކްޓް ހިއްސާ ކުރާނެގޮތުގެ ޕްރޮޕޯސަލލް ތައްޔާރުކޮށް ހުށަހަޅައިގެން އިތުރު ބައްދަލުވުމަކަށް ދިއުމަށް ހަމަޖެހުނު.”

އެންމެ ފަހުން ހުރިހާކަމެއްވެސް ބަދަލުވީ ހީނުކުރާ ގޮތަކަށެވެ. އެ ބައްދަލުވުމެއްވެސް ނުބޭއްވުނެވެ.. މިނިސްޓްރީން ވެސް ސަޕޯޓެއް ނުލިބުނުކަމަށާއި ބައެއް ރިސޯޓްތަކުން ސީދާ ނޫނެކެ ބުނިއިރު އެހެން ރިސޯޓްތަކުން އަޙްމަދު ފޮނުވި އެއްވެސް މެއިލް އަކަށް ޖަވާބުވެސް ނުދިނެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލައި އަޙްމަދުގެ މަސައްކަތާގެން ކުރިއަށް ދިޔައެވެ.

“އެގޮތަށް ކަންތައްތައް ދިޔަނަމަވެސް އަހަރެން މާޔޫސް އެއް ނުވަން. އަހަންނަށް ގަބޫލުކުރެވޭ އަހަރެން ތައްޔާރުކުރި މަސައްކަތުގެ އަގުހުރިކަން. މިކަމުގެ ހެއްކަކީީ އެމެރިކާގެ ފްލޮރިޑާގެ ކުންފުންޏަކުން ހެދި އިންވެންޝަން އެންޑް ޕޭޓަންޓް ޢިިންޓެލިޖެންސް ރިޕޯރޓް. އެރިޕޯޓްގަައިވާގޮތުން މިގޭމް އާއުފެއްފުމެއްގެ ގޮތުގައި ރަޖިސްޓަރ ކުރެޥޭނެ. ފައިދާވާ ވިޔަފާރިއަކަށްވެސް ވާނެ”

އެހާ ހިސާބުން އެންމެ ކަންބޮޑުވާން ޖެހުނުކަމަކަށްވީ ނަވާރަ އަހަރު ދުވަސް ވަންދެން މަސައްކަތް ކުރަމުން ދިޔަ ކުންފުނިން އެއްމެ މަހެއްގެ ނޯޓިސް އެއް ދިނުމަށްފަހު ވަޒީފާއިން ވަކިވާން ޖެހުނުކަންކަމަށް އަޙްމަދު ބުންޏެވެ. އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގައި ދިގު މުއްދަތެއްގައި ކުރަމުންދިޔަ މަސައްކަތް މިގޮތަށް ހުއްޓާލަން ޖެހިދާނެ ކަމަކަށް އަޙްމަދު ހުރީ އުއްމީދުކޮށްގެނެއްނޫނެވެ.

“މީގެސަބަބުން އަހަރެންގެ މި މަސައްކަތާއިގެން ކުރިއަށް ދިއުމަށް ފައިނޭންސް ލޯނުހޯދުމަށް އޮތްފުރުުސަތު ގެއްލިގެން ދިޔަ”. އަޙްމަދަށް ކުރެވުނީ ހިތި ތަޖުރިބާތަކެކެވެ.

އެހާ ހިސާބުން އާ ހިތްވަރަކާއެކު އަޙްމަދު އަލުން އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށިއެވެ. މޯލްޑިޕޮލީގެ ޗެޕްޓަރ ނިމުމަކަށް ގެނައުމަށްފަހުއެވެ. ކުރެހުންތައް ކޮރަލްޑްރޯގައި ހެދުމުގެ ބަދަލުގައި ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރބޭނުންކޮށްގެން، މުޅިން އާ ކޮންސެޕްޓަކަށް ތަފާތު ލޭއައުޓެއް ފަރުމާކުރިއެވެެ. މޮނޮޕޮލީއެއްގެ ގޮތުގައި ރިސޯޓުތަކުގެ އެކިއެކި ތަންތަނަށް ކިޔާނަންތައް ބޭނުންކޮށްގެން ފަރުމާކުރި މޯލްޑިޕޮލީގެ ނަން މޯލްޑިޕްލޭ ގެ ނަމަށް ބަދަލުކުރިއެވެ. ޑައިސް ވެސް ބަދަލުކުރީއެވެ.

އަޙްމަދު ފަރުމާކުރިި މި ޑައިސް ތަކަށް ދިން ނަމްބަރު ތަކަކީ ވެސް ދިރާސާ ކުރުމަށްފަހު ޕްރޮބަބިލިޓީ ތިއަރީ ބޭނުންކޮށްގެން ޓެސްޓް ކުރުމަށްފަހު ދިން އިވަން ނަމްބަރުތަކެކެވެ. ހަމަ އެއާއެކު މި ގޭމަށް ހޭދަވާ ވަގުތު ކޮންޓްރޯލް ކުރާނެ ގޮތެއް ވެސް އަޙްމަދު ހޯދިއެވެ. މީގެ ސަބަބުން މުޅި ގޭމް ބަދަލުވިއެވެ.

“ގޭމް މިވަނީ ޗައިނާގައި ޕްރިންޓް ކޮށް ނިމިފަ ؛އޮކްޓޯބަރ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ސާމްޕަލް 3 ގޭމު ރާއްޖެއަންނާނެ. ސާމްޕަލްތައް ލިބުމުން 3 ސްކޫލެއްގެ ދަރިވަރުންގެ މެދުގައި މިގޭމުގެ ޕްރޮމޯޝަނެއްގެ ގޮތުގައި އިނާމު ކަނޑައަޅައިގެން މުބާރާތެއްގެ ގޮތުގައި ބޭއްވުމަށް މި ތައްޔާރުވަނީ”

އެންމެ ފުރަތަމަ 500 ޕްރިންޓް ހައްދާއިރު އެ ވިއްކައިގެން “ވޯލްޑް ކަޕް” ގެ ނަމުގައި މޯލްޑިޕްލޭ ގޭމު މުބާރާތެއް ބޭއްވުމަށްވެސް އަޙްމަދު ވަނީ ވިސްނާފައެވެ. އެއްލައްކަރުފިޔާގެ މި މުބާރާތުގައި ބައިވެރިވެވޭނީ ގޭމު ގަނެގެން ކަމަށް އަޙްމަދު ބުންޏެވެ.

“މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖެ ޕްރޮމޯޓް ކުރުމުށް ކުރެވޭނެ ވަރަށް ރަނގަޅު މަސައްކަތެއް. ރިސޯޓް ތަކަށް ވެސް މި ގޭމު ސަޕްލައި ކުރާގޮތަށް މިއޮތީ. މީގައި ހުންނަ ކާޑުތަކުގައި ވެސް ހުންނާނީ ރާއްޖެއާ ބެހޭ މައުލޫމާތުތައް ލިޔެފައި. ރާއްޖޭގެ ރީތިކަމާއި ރާއްޖެއަށް އަންނަން ޖެހެނީ ކީއްވެގެން ކަން މި ގޭމު ކުޅުމުން ބޮޑަށް އެނގިގެން ދާނެ. އަދި ރާއްޖެ ނާންނަ މީހަކުވެސް މި ގޭމު ކުޅެފިނަމަ ރާއްޖެ އަންނަހިތްވާނެ. މިއީ ގެސްޓުންނަށް ރަނގަޅު ސުވެނިއަރ އަކަށް ވެސް ވެގެންދާނެ”

ގިނަ ގުނަ ގޮންޖެހުންތައް ދިމާވި ނަމަވެސް އެ ހުރިހާ ހުރަސްތަކެއް ގިރާކުރުމަށްފަހު އަޙްމަދުގެ މަސައްކަތް މިވަނީ އާންމުންނާ ހިސާބަށް އައުމުގެ މަގުމަތީގައެވެ. އަޙްމަދުގެ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ.

https://web.facebook.com/MaldiPlay?_rdc=1&_rdr

 

 

.