English Edition
Dhivehi Edition
ސޭސްގައި ރާއްޖެއަށް ލިބުނު "ބެސްޓް ކަންޓްރީ" އެވޯޑް ރައީސްއަށް އަރުވަނީ ފޮޓޯ/ ރައީސް އޮފީސް

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ރާއްޖޭގެ ވަފުދަށް ލިބުނު ބެސްޓް ކަންޓްރީ އެވޯޑް، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

އެ އެވޯޑް ރައީސްއަށް އަރުވާފައި ވަނީ ސޭސްގައި ރާއްޖެ ތަމްސީލްކުރި ދިވެހި ވަފުދާ ބައްދަލުކުރުމަށް މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެވޯޑް ރައީސްއަށް އެރުވީ ސޭސްގައި ދިވެހި ވަފުދު ބައިވެރިވި ރަފީ ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ އާއިޝަތު ރަފިއްޔާ އެވެ.

އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރުގައި މިދިޔަ މަހުގެ 17 އިން 20 އަށް ބޭއްވި އެ ސަމިޓުގައި 60 އަށްވުރެ ގިނަ ގައުމުން 500 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވިއިރު، ރާއްޖޭން ސަމިޓުގައި 34 ޒުވާނަކު ބައިވެރިވި އެވެ. އަދި މުޅި ސަމިޓުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމުގެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ބިނާ ކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، “ބެސްޓް ކަންޓްރީ އެވޯޑް” ހާސިލްކުރި ކަމަށްޓަކައި ދިވެހި ވަފުދަށް މަރުހަބާ ވިދާޅުވިއެވެ. އަދި ސައުތު އޭޝިޔަން ޔޫތު ސަމިޓްގެ ވަފުދު ރާއްޖެއަށް ހޯއްދަވައިދެއްވި ކާމިޔާބީއަށްޓަކައި އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.